ޚަބަރުސިޔާސީ

މައްޗަންގޮޅި އުތުރު ދާއިރާއަށް ޕީޕީއެމް ޕީއެންސީން ވާދަކުރާ ޒައީމްގެ ޕްލޭނަކީ ދާއިރާގެ ހާލަތު ބަދަލުކުރުން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާ، ޖީބީ ސްޕޯޓްސް ކްލަބްގެ ޗެއަރމަން މއ.ފޮގެޓްމީނޮޓް އަހުމަދު ޒައީމްގެ އެންމެ ބޮޑު ޕްލޭނަކީ ދާއިރާގެ ހާލަތު ބަދަލުކުރުން ކަމުގައި ވިދާޅުވެއްޖެއެވެ.

”ބޮންތި“ ނޫހަށް މައުލޫމާތު ދެއްވަމުން ދާއިރާގެ ޒުވާނުންނާވެސް ގުޅޭ، ޒައީމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލައްވަނީ އެ ދާއިރާގެ ޒަމާންވީ މައްސަލަތައް ގާނޫނީ ދާއިރާގެ ތެރެއިން ހައްލު ކުރުމަށް ކަމުގައެވެ. އޭގެތެރޭގައި ސިއްހީގޮތުން ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް އެދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ހަދަންޖެހޭ ކޮންމެ ގާނޫނެއް ހެދުން ހިމެނެއެވެ.

ޒައީމް ވިދާޅުވިގޮތުގައި އެއްވެސް މަސައްކަތެއް، ވަޒީފާއެއް ނެތް ނުވަތަ އަމިއްލަ ވިޔަފާރި ކުރެވޭ ވަރުގެ ކެޕިޓަލެއް ނުވަތަ އިތުރު ފުރުސަތެއް ނެތް ގިނަ ބަޔަކު އެ ދާއިރާގައި ދިރިއުޅެއެވެ.

”އެއީ ހަމަ ބޯހިޔާވަހިކަމާ އެއްވަރަކަށް ބަލަންޖެހޭ ކަމެއް. ބޮޑު މައްސަލައެއް. އެއީ ރައްޔިތުންގެ ކުށެއް ނޫން ދެއްތޯ. ޒައީމް ވިދާޅުވިއެވެ.

ޒައީމަކީ ޕީޕީއެމްގެ ހަރަކާތްތަކުންވެސް ފެންނަ ޒުވާނުންގެ ދިފާއުގައި ވަކާލާތު ކުރައްވާ ޝަހުސިއްޔަތަކަށް ވާއިރު، އެބޭފުޅާ ދެކެވަޑައިގަންނަވާގޮތުގައި ކުރިއަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް، އެމަނިކުފާނުގެ ތަސައްވުރު ހާސިލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދިޔަ ހުރިހާ މުޒާހަރާއެއްގައިވެސް ޒައީމް ހުންނެވީ އެންމެ ކުރީ ގައެވެ. އަދި އެ މުޒާހަރާތަކުގައި ޒައީމަށްވެސް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ.

ޖީބީ ސްޕޯޓްސް އުފައްދަވައި ކްލަބްގެ ޗެއާމަންކަން ކުރެއްވުމުގެ ކުރިން ޒައީމަކީ އެދާއިރާގެ ކުދި ބޮޑު އެންމެން ދަންނަ، ޒުވާނުންގެ ހެޔޮގޮތުގައި މުޖުތަމުގައި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދުމަށް ވަކާލާތުކުރައްވާ ޒުވާން ބޭފުޅެކެވެ. ހާއްސަކޮށް ޒައީމްގެ ވަކި އަތަކަށް ނުޖެހޭ ސިޔާސަތުގެ ސަބަބުން ދާއިރާގެ ތަފާތު ސިޔާސީ ފިކުރާއި، ވިޔަފާރިވެރިންގެ މެދުގައި އިހުތިރާމް ލިބިފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button