ޚަބަރު

ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުން ސަރުކާރުން ހުއްޓައެއް ނުލާ: އަސްވާޑު

ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުން ހުއްޓާނުލާ ކަމަށް ޔޫތު މިނިސްޓަރީގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްވާޑު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކާއި ގުޅިގެންނެވެ.

ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުން ސަރުކާރުން މިހާރު ހުއްޓާލާފައިވާ ކަމަށް ރާއްޖެއެމްވީ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. ރާއްޖެ ޓީވީގެ ޓްވީޓަށް ރީ-ޓްވީޓް ކުރައްވަމުން އަސްވާޑް ވިދާޅުވީ އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި ސަރުކާރުން ނޫސްމަޖައްލާ ރަޖިސްޓަރީ ކުރުން ހުއްޓާނުލާ ކަމަށެވެ.

އަސްވާޑް ވިދާޅުވީ މިހާރު ވެސް ނޫސް މަޖައްލާ ރަޖިސްޓަރީކުރުން ކުރިޔަށް ގެންދާކަމަށެވެ. އެގޮތުން މިމަހު ވެސް 6 ނޫހެއް ރަޖިސްޓަރީކޮށް ދީފައިވާ ކަމަށެވެ.

ރަޖިސްޓަރީ ނުކޮށް ހިންގަމުން ދިޔަ ބައެއް ނޫސް މަޖައްލާތައް ބަންދުކުރުމުން ގިނަ ބަޔަކު އެކަމާ ފާޑުކިޔަމުން ދިޔަ ނަމަވެސް ސަރުކާރުން ބުނީ ބަންދުކުރެވުނު ނޫސް މަޖައްލާތަކަކީ ރަޖިސްޓަރީ ނުކޮށް ޤާނޫނާ ޚިލާފަށް ހިންގާ ވެބްސައިތްތައް ކަމަށެވެ.

ރަޖިސްޓަރީ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ބަންދުކޮށްފައި ނުވާނެ ކަމަށާއި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button