ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުުގެ ތެރެއިން ގެދޮރު ފޯރުކޮށް ދިނުމުގައި ބަލާނެ މިންގަނޑުތައް ޤާނޫނެއްގައި ކަނޑައެޅުމަށް ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ހަފުތާ 14 ގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެއްޓެވުމަށް މާލޭގައި ޤާއިމުކުރި އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކުރަައްވައި ދެއްކެވި ވާހަކަފުޅުގައި ގެދޮރުވެރިކަން ފޯރުކޮށް ދިނުމުގައި މުޖުތަމައުގައި ހަވާސާވެފައިވާ މީހުންނަށް އިސްކަން ދެއްވާނެކަން ވަަނީ ހާމަކުރައްވާފައެވެ.
”ހާއްސަ ސަމާލުކަމެއް ދީގެން ތިޔަ ލޮބުވެތި ރައްޔިތުންނަށް، މި ސަރުކާރުން ގާއިމްކުރާ ގެދޮރުގެ އެކި ކަހަލަ މަޝްރުއޫތަކުގައި މި ސަމާލުކަން ދީގެން ފުރުސަތު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ވާހަކަ ދަންނަވަން،“ ރަައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދައިން މުޖުތަމައުން ހަވާސާވެފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް ޓަކައި ، ގެދޮރުއެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެކި ކަހަލަ ޝަރުތުތަކާއި ކެޓަގަރީތައް ނިންމާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެކަނިވެރި މައިންބަފައިންނާއި، އިސްރަށްވެހިން ފަދަ މުޖުތަމައުން ހަވާސާވެފައިވާ ފަރާތްތަކަށް އިސްކަންދިނުން ލާޒިމުކުރާނެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ.
”ގެދޮރު އެޅުމަށް ކުރިއަށް ގެންދާ މަޝްރޫތަކުގައި އެކި ކަހަލަ ޝަރުތުތަކާ، ކެޓަގަރީތައް ފަދަ ކަންތައްތައް ކަނޑައަޅާއިރު، މި ދެންނެވި ހަވާސާކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަން ދޭން. މިކަމަށް ހާއްސަ ބިލެއް ވެސް އަޅުގަނޑުމެން ތާރަފްކުރަން ނިންމައި މަޖިލީހަށް ފޮނުވޭނެ. ގެދޮރުވެރިކަމުގެ އެކިކަހަލަ ގިންތިތައް ކަނޑައެޅޭ ބިލެއް“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުވަނީ މުޖުތަމައުގައި ހަވާސާވެފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަން އިއުލާނުކުރައްވާފައެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންނާއި، ގެވެށި އަނިޔާ ތަހައްމަލުކުރާ މީހުންނާއި، ޚާއްޞަ އެހީތެރިކަން ބޭނުންވާ އެހެނިހެން މީހުން ދެނެގަނެ އެ ފަރާތްތަކުން ޝާމިލު ފުރިހަމަ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދަފުތަރުގެ މަސައްކަތް ނިމުމުން އެހީތެރިކަން ބޭނުންވާ ފަރާތްތައް ދައުލަތަށް އެނގި އެފަރާތްތަކަށް ފުރަތަމަ މަރުހަލާގައި ފޯރުކޮށްދޭންވީ އެހީތެރިކަމަކީ ކޮބައިކަން ކަނޑައެޅި އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.