ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ވޯޓުލުން ކުރިއަށް ދާ ގޮތް ބެއްލެވުމަށް ހެންވޭރު ދަނޑަށް ވަޑައިގެންފިއެވެ.
މީގެ އިރުކޮޅެއް ކުރިން ރައީސް މުއިއްޒު ވަނީ އެކި ދާއިރާތަކުގެ ވޯޓުލުން ކުރިއަށް ގޮސްފައިވާ މިންވަރު ބައްލަވާފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.
އަތޮޅުތަކަށް ހާއްސަ ފޮށިތައް ހެންވޭރު ދަނޑުގައި ބެހެއްޓިފައިވާއިރު، 75 ދާއިރާއެއްގައި ވޯޓުލުމަށް 227 ފޮށި ބަހައްޓާފައިވެއެވެ. އަދި ޖުމްލަ 71،597 މީހުންނަށް މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.