އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުރި ފޮތްތައް ސްކޫލްތަކުން ނައްތާލުމަށް އަންގައިފި
އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުރި ފޮތްތައް ސްކޫލްތަކުން ނައްތާލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.
ތައުލީމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު ސޮއިކުރައްވައި އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ މިކަން އަންގާ ސާކިޔުލާ ފޮނުވާފައެވެ. ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ބައެއް ފޮތްތަކުގައި އިސްލާމް ދީނާ ރާއްޖޭގެ ސަގާފަތާ ހިލާފު ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
އެހެންކަމުން، ސްކޫލްތަކުން ބޭނުން ކުރާ މިފަދަ ތަކެއްޗަކީ ދީނާ ސަގާފަތާ ހިލާފު ނޫން ތަކެތިކަން ކަށަވަރު ކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ. އަދި އަމިއްލަ ފަރާތްތަކުން ހުށަހަޅާ މިފަދަ ތަކެތި ސްކޫލްތަކުގައި ބޭނުން ކުރުމުގެ ކުރިން އެއީ ބޭނުންކުރުން އެކަށީގެންވާ ތަކެތިތޯ ޔަގީންކުރުމަށްވެސް ވަނީ އެދިފައެވެ.