ޚަބަރުސިޔާސީ

ސައިފް އަލް ސުވައިދީ، ރައީސް މުއިއްޒަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސައިފް އަލް ސުވައިދީ ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވާފައިވަނީ، ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ތެރެއިން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ)އާއެކު ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ ތަރައްގީއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރައްވާފައިވެއެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާޢްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ރާއްޖެއާއެކު އޮތް ޕާޓްނާޝިޕާމެދު އުފާ ކުރައްވާކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް އެއްބާރުލުން ދެމުން ގެންދާނެކަމުގެ ޔަގީންކަން ސައިފް ދެއްވާފައިވެއެވެ.

ރައީސްއާއި ސައިފް އިތުރަށް މަޝްވަރާ ކުރެއްވީ، ފަންޑުގެ އެހީ ބޭނުންވާނެ ދާއިރާތަކާ ބެހޭގޮތުންނާއި މިހާރު ފަންޑުގެ އެހީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button