ޚަބަރުސިޔާސީ

އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވުމުގެ ’ރިސްކު‘ ނުނަންގަވާ: ޑރ. މުއިއްޒު

މާލޭގެ މޭޔަރުކަމާއި ކައުންސިލަރުކަމަށް ހޮވަން ވާނީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމަށާއި، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވުމުގެ ’ރިސްކު‘ ނުނަންގަވަން ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ތާއިދު ހޯއްދެވުމަށް ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ގުޅުންހުރި ހުރިހާ ކަމެއްހެން ގުޅިފައިވަނީ ކައުންސިލާ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރާ މަންދޫބުން މެދުވެރިކޮށް އެ ރައްޔިތުންގެ ބޭނުންތައް ސަރުކާރާ ހަމަޔަށް ގެނެސްދިނުން ކަމަށެވެ.

އަދި ސަރުކާރުން ބޭނުންވާ ކަންތައް ރައްޔިތުންނާ ހަމަޔަށް ގެންގޮސް ރައްޔިތުންގެ ވިންދާ އެކީ ގައި މަސައްކަތްކުރާނެ ނިޒާމެއް އޮތުން ކަމަށެވެ. އެގޮތުން ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ލިބުމުގެ މަގު ފަހިވުމުގެ ހުރިހާ މަރުހަލާތަކެއް ކަނޑައްތުވެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވާ އެހެން ޕާޓީއެއްގެ މޭޔަރަކު އިންތިހާބުކުރުން ވެގެންދާނީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

“މިހާރު އެބަފެނޭ މަޖިލީސް ތެރެއިން ކަންކުރާ ގޮތް. އެ ރިސްކު ނުނަންގަވާތި“ ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓުން އިންތިހާބު ކޮށްފިނަމަ ފަސޭހަކަމާއި އެކީގައި ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު ވިލިމާލެއަށް ކުރަން ހުރި ގިނަކަންތައްތަކެއް ނުކުރެވުނީ ސަރުކާރުގެ އެއްބާރުލުން ނުލިބުން ކަމަށެވެ.

އެގޮތުން ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ޕްލޭނިން ގަވާއިދު ބަދަލުކުރުމަށް މޭޔާރަކަށް ހުންނެވިއިރު މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ގަވާއިދަށް ބަދަލުގެނެވިފައިނުވާތީ އެކަން ކުރެވެން އޮތީ ޕްލޭނިން މިނިސްޓްރީން ގަވާއިދު އިސްލާހުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button