ޚަބަރުސިޔާސީ

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް މަންފާއެއް ހޯދާ ނުދޭނަން: އަސްވާޑު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ހުންނެވި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް މަންފާއެއް ހޯދައިނުދޭނެ ކަމަށާއި، ކުރިން މަސައްކަތް ކުރެއްވި އޮފީސްތަކަށް ވެސް ތަފާތު ނުކުރާނެ ކަމަށް  ވިދާޅުވެއްޖެއެވެ.

މުދާ ކުއްޔަށް ދޫކޮށްގެން ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ދައްކަންޖެހޭ ނުވަ ލައްކަ ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޮއްވައި، އަސްވާޑު ކުރިން ހިންގެވި ’ސަންގު‘ ޓީވީއަށް އަނެއްކާ ވެސް ޕީއެސްއެމް އިން މުދާ ކުއްޔަށް ދޫކުރުމާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އަސްވާޑު ވަނީ ވިދާޅުވެފައެވެ.
ޔޫތު މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން އަސްވާޑު މަސައްކަތް ކުރެއްވީ ސަންގު ޓީވީގައެވެ. އެހެންކަމުން، ސަންގު ޓީވީއަށް މުދާ ދޫކުރުމުގައި އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް، ޕީއެސްއެމްއާއި ސަންގު ޓީވީން ވެސް މުދާ ކުއްޔަށް ދިނީ ހިދުމަތެއް ގޮތަށް، އުސޫލުގެ ތެރެއިން ކަމަށް އަސްވާޑު ވަނީ ބުނެފައެވެ.
ޔޫތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްވާޑު ވިދާޅުވީ އެބޭފުޅާއަކީ މިހާރު ސަންގު ޓީވީގެ އެއްވެސް ކަމަކާ ހަވާލުވެ ހުންނެވި ފަރާތެއް ނޫން ކަމަށާއި އިރެއްގައި އޮފީހެއްގައި މަސައްކަތް ކުރުމަކީ އެތަނާ ޖާމިނުވެގެން އުޅޭނެ ސަބަބެއް ވެސް ނޫން ކަމުގައި ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑުގެ ނަޒާހަތްތެރިކަމަށް ބުރުލެއް އަރާވަރުގެ އެއްވެސް ކަމެއް އަޅުގަނޑުގެ ވަޒީރުކަމުގައެއް ނުހިނގާނެ،“ ނޫސްވެރިކަމުގައި މަސައްކަތްކުރި ވޭތުވެދިޔަ 15 އަހަރުގައި ވެސް ނަޒާހަތްތެރިކަން ކިލަނބުވާފަދަ ތުހުމަތެއް ވެސް އަމާޒުވެފައި ނުވާކަން ފާހަގަކުރައްވައި އަސްވާޑު ވިދާޅުވިއެވެ.
”އަޅުގަނޑު ރާއްޖޭގެ މީޑިއާ މީހުންނާ މި ގޮންޖަހާލަނީ އަދި ރާއްޖޭގެ ސިޔާސީ މީހުންނަށް މި ގޮންޖަހަނީ، އަޅުގަނޑު ލައްވާ ދުވަހަކުވެސް އަޅުގަނޑުގެ ނަޒާހަތްތެރިކަން ކިލަނބު ކުރެވުނު ރާއްޖޭގެ ސިޔާސީ ލީޑަރެއް ނުހުންނާނެ.“
އަސްވާޑު ވިދާޅުވީ އޭނާގެ މަގާމުގެ ބޭނުން ކޮށްގެން ކުރިން މަސައްކަތް ކުރި އޮފީހަކަށް ނުވަތަ އެއްވެސް މީހަކަށް ވެސް މަންފާއެއް ހޯދައިދޭން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި އެގޮތަށް އެކަން ނުވެސް ކުރައްވާނެކަމަށެވެ.
”އަޅުގަނޑެއް، އަޅުގަނޑުގެ މަގާމުގެ ނަމެއް ބޭނުންކޮށްގެން އަޅުގަނޑު ކުރިން މަސައްކަތްކުރި ތަނަކަށްވެސް އަދި އަޅުގަނޑާ ގާތް މީހަކަށް ވެސް އެހެން މީހަކަށް ވެސް މަންފާއެއް ހޯދަން އެއްކަމެއް ވެސް އަޅުގަނޑު ނުކުރާނަން،“ އަސްވާޑު ވިދާޅުވިއެވެ.
”މި މަގާމުގައި ހުންނައިރު ވެސް އަޅުގަނޑުގެ މަސްލަހަތު ކުރިން އޮތް ތަނެއްގައި ވެސް އަދި އަޅުގަނޑު ކުރިން މަސައްކަތްކުރި ތަނެއްގައި ވެސް އަޅުގަނޑުގެ ފަރާތުން އެބޭފުޅުންނަށް ފައިދާއެއް ނުލިބޭނެ.“
އެހެންނަމަވެސް ކުރިން މަސައްކަތްކުރި ތަނަކުން ޔޫތު މިނިސްޓްރީން ހިދުމަތެއް ހޯދަން އައިސްފިނަމަ އެ އޮންނަ އުސޫލުގެ ދަށުން ހިދުމަތް ދޭނެ ކަމަށާއި އެކަން ކުރަންޖެހޭނެ ކަމަށް އަސްވާޑު ވިދާޅުވިއެވެ.
”އެ އޮންނަ އުސޫލެއްގެ ދަށުން އެތަނަކަށް ހިދުމަތް ލިބޭނެ. ލިބުނީމަ ރާއްޖޭގެ ނޫހެއްގަ ލިޔެގެން ނުވާނެ އަޅުގަނޑު ކުރިން މަސައްކަތްކުރި މީހުންނަށް މިވެނި ކަމެއް ކޮށްދީފިއޭ ޔޫތު މިނިސްޓްރީން. އެބޭފުޅުންނަށް ވެސް އޮންނާނެތާ އެ  ހައްގު. އަޅުގަނޑު ކުރިން މަސައްކަތްކުރި ތަނަކަށް ވީމައޭ ބުނެ އެބޭފުޅުންގެ ހައްގުން މަހްރޫމެއް ނުކުރެވޭނެ.“ މަގާމުގެ ނުފޫޒު ބޭނުން ނުކުރައްވާނެކަން އަސްވާޑު ތަކުރާރުކޮށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button