ޚަބަރު

ފުށިދިއްގަރު ފަޅުން 1،150 ހެކްޓަރުގެ ބިން 8 މަސް ތެރޭގައި ހިއްކާނެ: ރައީސް

ފުށިދިއްގަރު ފަޅުން 1،150 ހެކްޓަރުގެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ ގުޅީފަޅު ހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢު ކަމަށެވެ. މަޝްރޫޢު ފެށި 8 މަސްދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކައި ނިންމައިލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 1،150 ހެކްޓަރުގެ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުންވާ މިންވަރުގެ ތިން ގުނަ ކަމަށް ރައީސް ވިދާޅުވިއެވެ.

”ގުޅީފަޅާއި، ގިރާވަރުފަޅާއި، ހުޅުމާލެއާއެކު މިތަން ފުށިދިއްގަރު ފަޅު ހިއްކިގެން ދިއުމުންވާނީ މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލަކަށް. އަދި މާލޭގައި ދިރިއުޅޭ އެހެން ރައްޔިތުންނަށް ވެސް މިތަނުންނާއި މިދެންނެވި އެހެން ބިންތަކުން އެ ހައްލު ހޯދައިދޭނަން،“ ރައީސް ވިދާޅުވިއެވެ.

 

އިތުރަށް ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކުން ރައްކާތެރި ރަށެއްގެ ގޮތުގައި ކަމަށާއި މެދަށް ތިން މީޓަރު އުސްމިން އަދި އަރިމަތިން 2 މީޓަރުގެ އުސްމިން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި ފުށިދިއްގަރު ފަޅުގައި ޤާއިމުކުރާ ސިޓީ ތަރައްޤީ ކުރަން ގެންގުޅުއްވާ ވިސްނުންފުޅަކީ ޒީރޯ ކާބަން ސިޓީއެއްގެ ގޮތުގައި ފަރުމާކުރެއްވުމެވެ. އެގޮތުން އެ ސިޓީގައި ގެންގުޅޭ އުޅަނދުތަކާއި ހަކަތަ އުފެއްދުން ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބައްޓަންވެ އިކޯ ފްރެންޑްލީ ސިޓީއަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، އެ ސިޓީއަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ހިކިފަސް ތަން ކަމަށްވާތީ އެތަނަށް ދެއްވަން ނިންމެވި ނަމަކީ ”ރަސްމާލެ“ ކަމުގައި ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button