ޚަބަރު

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް ބޭނުންކޮށްގެން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ކުޑައެއް ނުކުރާނެ!

ބޭންކް އޮފް މޯލްޑިވްސްގެ ކުރެޑިޓު ކާޑުތަކާއި ޑެބިޓު ކާޑުތައް ބޭނުން ކޮށްގެން ބޭރު ފައިސާގެ މުއާމަލާތްކުރެވޭ މިންވަރު ކުޑަކުރުމަށް ނިންމާފައި ނުވާކަމުގެ ޔަގީންކަން ބޭންކުން މާލީ ވުޒާރާއަށް ދީފައިވާ ކަމަށް އެ ވުޒާރައިން ބުނެފިއެވެ.

އެވުޒާރާއިން މިފަދައިން ބުނެފައިވަނީ ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ރޭޓުކަމަށް މިހާރު ކަނޑައަޅާފައިވާ ރޭޓު 90 އިންސައްތަ ދަށްކުރަން ބޭންކުން ނިންމާފައިވާ ކަމަށް ބައެއް މީޑިއާއިން ރިޕޯޓުކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނޫސްތަކުން ފަތުރާފައިވަނީ ހަގީގަތާ ޚިލާފު ވާހަކައެވެެ. އަދި އެފަދަ ބަދަލެއް ގެނައުމަށް ނިންމާފައި ނުވާކަމުގެ ޔަގީންކަން ބޭންކުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މާލީ ވުޒާރާއިން ބުނެފައިވަނީ ކާޑުތަަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ވުޒާރާއާއި،  މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button