ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު އަކީ ވަގެއްކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވި މައްސަލާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އެ މަޤާމުން މިއަދު ވަކިކޮށްފި އެވެ.
މުޣުނީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް އިބްރާހިމް އަކީ ހިންނަވަރު ވަގު ކަމަށާއި ސަރުކާރުގެ އެސްއޯއީތަކުގައި ތިބީ ކޮރަޕްޓުން ވަގުންގެ ޓީމެއް ކަމަށެވެ. އެގޮތުން އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއުގެ އިތުރުން އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓް ވަގުން ކަމަށް މުޣުނީގެ ޓްވީޓްގައި ހާމަކުރެއްވިއެވެ. އެ ޓްވީޓްގެ މައްސަލާގައި އޭނާ ރައީސް އޮފީހަށް ހާޒިރުކުރުމުން ފަހުންވަނީ އެ ޓްވީޓް ފޮހެލާފައެވެ.
އެ މައްސަލާގައި މުޣުނީ މަޤާމުން ވަކިކުރި އިރު، މީގެ ދެ ދުވަސް ކުރިންވެސް އޭނާ ވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއަށް ފާޑުވިދާޅުވެ، އަމިއްލަ އެކައުންޓުން ޓުވީޓުތަކެއް ކުރައްވާފަ އެވެ. އެ ޓްވީޓުތަކުގައި އޭނާ ވަނީ ސައީދަކީ ކޮރަޕްޓް އެމްޑީއެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނަށް ’ޒީރޯ ޓޮލެރެންސް‘ ސިޔާސަތުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ ވެސް ސަޢީދުގެ ސަބަބުން ކަމަށް މުޣުނީ ފަހުން ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.
@myfoona is this ACC report about you? Remember the time we talked about the corruption of previous regime?
We came up with the ‘zero corruption’ policy at the inception of this regime & you are the absolute reason why government had to stop talking about it. https://t.co/O6NPcY005t— Hassan Mughnee (@HMughnee) May 15, 2023
މަޤާމުން ވަކިކުރެއްވުމުން މުޣުނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމަށް ޚިދުމަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި، އެކަމަށްޓަކައި ރައީސް އިބްރާހިމަށާއި މުޣުނީ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމަށްވެސް ޝުކުރު ދަންނަވާކަމަށެވެ.
Political leadership is made up of leaders who try their best to serve to the country but may have different opinions / plans about what is best for the country. This is eminent in an election year. Wish best of luck to all leaders. May Allah bless our nation. 2-2#Qasim2023 pic.twitter.com/BIGsNbDkpB
— Hassan Mughnee (@HMughnee) May 17, 2023
މުޣުނީގެ ޓްވީޓާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މުޣުނީ ކުރެއްވީ ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ޢަމަލުކުރަން އޮންނަ އަޚުލާގީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށާޢި، އެ މައްސަލާގައި އޭނާއާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޣުނީ އެންމެ ފުރަތަމަ ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށެވެ. ނަމަވެސް ފަހުން ވަނީ އޭނާ އެއަށްވުރެ ދަށް މަޤާމަކަށް އެންވަޔަރުމެންޓް މިނިސްޓްރީ އަށް ބަދަލުކޮށްފައެވެ.