ޚަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު 350ށް ވެސް އަދި ނާރާ: ރައީސް އޮފީސް

ފާއިތުވި މަސް ދުވަސް ތެރޭގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންގެ އަދަދު 350 އަށް ވެސް ނާރާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުގައި ސިޔާސީ މުވައްޒަފުން ގިނަ ކަމުގެ ޝަކުވާ ކުރެވިފައ ިވާއިރު، މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700އަށް ވުރެ ގިނަ ނުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ހުވާ ކުރެއްވުުމުގެ ކުރިން ނިންމަވާފައެވެ.
ނަމަވެސް، މިދިޔަ މަހު 17 ގައި ރައީސް ޑރ. މުއިއްޒު ހުވާކުރެއްވި ފަހުން ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އައްޔަންކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުވާނެ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ސިޔާސީ މަގާމުތަކުގެ އަދަދާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް ކަނޑައެޅުއްވި ލިމިޓުގެ ދެބައިކުޅަ އެއްބަޔަށް ވެސް އަދި ނާރާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކުގެ ބޭފުޅުންގެ އަދަދު 700 އަށްވުރެ ގިނަ ނުވާނެ ކަމަށް. މިހާތަނަށް އައްޔަންކުރެވުނު ބޭފުޅުންގެ އަދަދު އޭގެ ދެބައިކުޅަ އެއްބަޔަކަށްވެސް ނާރާ އަދި،“ ޝަހީބް ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކުރުމާއެކު އެ ވުޒާރާއެއްގެ ވެބްސައިޓަށް އެ މައުލޫމާތު އަދާހަމަ ކުރަމުންދާނެ ކަމަށެވެ. އަދި މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަނުކޮށް ލަސްވަމުންދާ ކަމަށް ފެތުރެމުންދާ ވާހަކަތަކަަކީ އެނގިފައިނުވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button