ޚަބަރުސިޔާސީ

ޓޫރިޒަމް ތަރައްޤީކުރުމުގެ މަޝްރޫއުތައް ނިންމާ، މާކެޓަށް ނެރުމުގެ ސިޔާސަތެއް އެކުލަވާލަނީ

ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ މަޝްރޫއުތައް ނިންމާ މާކެޓަށް ނެރުމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމުގެ ގޮތުން  ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި އަހަރު، އައު 20 ރިސޯޓް ހުޅުވައި 2857 އެނދު އުފެދިގެން ދިޔުމަކީ ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ،

 

އޭގެ އިތުރުން ހަދަން ފަށާ، ނުނިމި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން ކަމަށާއި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީ ކުރުމަށް ހުރި ދަތިތަކާއި ހުރަސްތައް ބަލައި އެކަންކަމަށް އޮޮތް ހައްލު ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓޫރިޒަމް ތަރައްޤީ ކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމާ، މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރު ދަނީ  އެކުލަވާލަމުންނެވެ.

”އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ މި މަސައްކަތް ނިމޭނެ.“ މަޝްރޫއުތައް އަވަސްކުރުމަށް އެކުލަވާލާ ސިޔާސަތުތަކާއި ގުޅިގެން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ތަންތަން ތަރައްޤީކޮށް ނިންމުމަށް ޓަކައި ލީސް އެގްރީމަންޓާއި އިންވެސްޓްމަންޓްތައް ރީ-ސްޓްރަކްޗަރކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒު ކުރެވިގެން ދާނެ ކަމަށެވެ.
އަދި އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ކަމަށާއި ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް ”އައްސޭރި ޓޫރިޒަމް“ މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް ރައީސް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ’ވިޒިޓަރ އިކޮނޮމީ‘ ކައުންސިލެއް އުފައްދަވާފައި ވަނީ ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރެއްވުމުގެ ގޮތުން ކަމަށެވެ. އެ ކައުންސިލް އުފެއްދުވުމުގެ އަނެއް މަގުސަދަކީ ބައިނަލްއަޤްވާމީ ބޮޑެތި މަހާސިންތާތަކާއި ޙަފްލާތައް ބާއްވާ މަންޒިލަކަށް ރާއްޖެ ހެދުމާއި، ތަޢުލީމީ ދާއިރާއާއ،ި ސަގާފަތާއި، ތަރިކައިގެ ދާއިރާއާއ،ި ޞިއްޙީ ދާއިރާއާއ،ި ތިމާވެށީގެ ދާއިރާގެ ތެރެއިން ވެސް ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުން ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button