ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 20 ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 20 ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޗައިނާގެ ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި މިއަދު ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޝީ އާއި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައިވެއެވެ.
ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕް އެއްބަސްވުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުން، ބްލޫ އިކޮނޮމިކް ކޯޕަރޭޝަން އެއްބަސްވުން، ކާރިސާތައް މަދުކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާ އެއްބަސްވުން، ގްރީން ޑިވެލޮޕްމެެންޓް އަދި ކާބަން މަދުކުރުމާ ގުޅޭ އެއްބަސްވުން، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުން، މީޑިއާގެ ދާއިރާ ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުނ ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ރައީސް ޝީއާ އެކު ވަނީ ރަސްމީ މަޝްވަރާތައް ބާއްވާފައެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓުމެންޓުތަކުގެ ފުރުސަތުތަކުގެ މައުލޫމާތު ދީ، އިންވެސްޓަރުން ހޯދުމަށް ’އިންވެސްޓު މޯލްޑިވްސް’ގެ ނަމުގައި ވަނީ ފޯރަމެއް ބާއްވާފައެވެ.