ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅުވައިދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މަސައްކަތް ފައްޓަވައި، މަޑިފުށީގެ އިހުތިސާސުގެ ތެރެއަށް އެރަށް ކައިރީގައި އޮންނަ ކޮޅުފުށި ވައްދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ތ.އަތޮޅަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ދިޔަމިގިއްޔާއި މަޑިފުށްޓަށް ވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ދިޔަމިގީލީގެ ރައްޔިތުންނާއި މުހާތަބުކުރައްވައި ރައީސް ވަނީ އެރަށުގައި ހިންގުމަށް ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ސަރުކާރުގެ ވުޒާރާތަކާއި މަޝްވަރާކުރައްވައިގެން ކުރިޔަށް ގެންދެވުމަށް ދިޔަމިގިލީ ކައުންސިލުގެ ކިބައިން އެދިވަޑައިގެންފައެވެ.
”ރައްޔިތުން އެދިލައްވާ ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން ތިޔަ ކައުންސިލަށް އަޅުގަނޑު ދެން.“ ރައީސް ވިދާޅުވިއެވެ.
މަޑިފުށީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޑިފުށްޓާއި ކައިރީގައި އޮންނަ ކޮޅުފުށި, އެރަށުގެ އިހްތިސާސްތެރެއަށް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ފަރުދުންނާއި ކުދި ވިޔަފާރިތައް ކުރިއަރުވައި ތަނަވަސްކޮށްދިނުމަކީ އަޅުގަނޑުގެ އިގްތިސާދީ ތަސައްވުރު. މިކަން ހާސަިލުކުރުމުގައި ކައުންސިލްތަކުގެ ޒިންމާ ނުހަނު ބޮޑު. ފަޅުރަށްތައް ކައުންސިލްތަކުގެ އިހްތިސާސަށް އިތުރުކުރުމުގެ ގަވާއިދު އަންނަ މަހު ތަންފީޒުކުރާނެ.“ ރައީސް ވިދާޅުވިއެވެ.
މަޑިފުށީގެ މަގުހެދުމުގެ ކަންކަން އަލުން ފަށްޓަވައި, އެ މަސައްކަތް ނިންމަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.