ޚަބަރުސިޔާސީ

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމައިފި

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، (ޖީއެސްޓީ) ބޮޑު ކުރަން ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން ބޮޑުކުރަން ނިންމާފައިވަނީ ޖީއެސްޓީ %6 އިން %8 އިންސައްތަ އަށް ބޮޑު ކުރުމަށާއި، އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރުމަށެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާއިރު، އެ މަޢުލޫމާތު އާންމުކުރުމަށް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލައްވައި ޤާނޫނަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

ސަރުކާރުން ބޭނުން ވަނީ ޓެކްސް ޤާނޫނު ވީ އެންމެ އަވަހަށް ފާސްކޮށް، އަންނަ ޖެނުއަރީ އެކަކުން ފެށިގެން ރައްޔިތުން އަތުން ޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު ބޮޑު ކުރާށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ޖީއެސްޓީ ބޮޑުކުރަނީ ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ބޮޑުވާތީ އާމްދަނީ އިތުރުކުރުމަށެވެ.

ދިވެހި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސްވެ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައި މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކުސް ބޮޑުކުރުމާމެދު ސަރުކާރުން އެކި ފަރާތްތަކާއި  މަޝްވަރާކުރަމުންދާއިރު، ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި 3 އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި މީޑިއާތަކަށް އެކި ނަންނަމުގައި ރައީސް އޮފީހުން 4,678,891 މިލިއަން ރުފިޔާ ބަހާފައިވާކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ފެށުނީއްސުރެ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ދަތުރުތަކަށް އެކަނި 82 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަމަށާއި، އަދި މުޅި ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.

ޚަރަދުތައް ކުޑަކުރުމަށް ރައީސް ސޯލިހު އިލްތިމާސްކުރައްވާފައި ވާއިރު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި ދާދިފަހުން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނެގުމާއިއެކު، ދަޢުލަތުގެ ދަރަނި ވަނީ 100 ބިލިއަނަށް އަރާފައެވެ.

ދާދިފަހުން ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކުން ވަނީ ކުރިއަށް އޮތް 19 މަސް ތެރޭގައި ރާއްޖޭގައި މުދަލާއި ތަކެތީގެ އަގު އުފުލި ބޭރުގެ ދަރަނި ނުދެއްކި، ޤައުމު ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

 

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button