ޚަބަރު

ކުށްވެރިންނަށް އަނިޔާއެއް ދީފިނަމަ ފިިޔަވަޅު އަޅާނަން: ފުލުހުން

ފުލުހުންގެ އިހުމާލުން މުޖްތަމައުއަށް ދޫކޮށްފައިތިބި ކުށްވެރިންނަށް އާންމުންގެ ފަރާތުން އެއްވެސް ކަހަލަ އަނިޔާއެއް ދީފިނަމަ އެފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ޖިނާއީ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ މީހުންނާ މެދު އަނިޔާވެރި އަމަލު ހިންގާ ނަމަ ފިޔަވަޅު އަޅާނެކަމަށެވެ.

މީގެ އިތުރުން ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވީހިނދު، އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއިމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގައިދާނެކަމަށާއި، އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރާ ކަމާއި، މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

ފުލުހުން މިފަދައިން އިންޒާރު ދީފައި މިވަނީ ދާދިފަހުން ޣާޒީ ސްކޫލުގެ ފިރިހެން ޓީޗަރަކު އެސްކޫލުގައި ކިޔަވަމުންދާ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުންގެ ބަޔަކު ނިކުމެ އެމީހާއަށް އަނިޔާކޮށް ބަރަހަނާ ކޮށްލި މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތްކަމަށްބުނެ އެކުއްޖާގެ އާއިލާގެ ފަރާތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖިންސީގޯނާގެ މި މައްސަލަ އާއި ގުޅިގެން އެކަންކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރަށް އޭނާ މަސައްކަތްކުރާ ޣާޒީ ސްކޫލުން ފިޔަވަޅު އެޅިތާ ދުވަސްތަކެއްވެގެން ދިޔައިރުވެސް ފުލުހުން އޭނާ ހައްޔަރު ކޮށްފައެއްނުވެއެވެ.

ޖިންސީ ގޯނާގެ ޝިކާރައަށްވި ކުޑަކުއްޖާގެ އާއިލާއިން ބުނީ ފުލުހުން މައްސަލަ ނުބަލައިތިއްބަސް އާއިލާއިން މަޑުން ނުތިބޭނެ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ މައްސަލަ ބަލައި ތުހުމަތުވާ ޓީޗަރު ސަސްޕެންޑްކޮށް މިހާރު އެމައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.

ދާދިފަހުން އެއްޖިއްސުން ގުޅުން ހިންގި އެތައްބަޔަކު ހައްޔަރު ކުރުމަށްފަހު އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ފަދައަމަލެއް ނޫންކަމަށް ނިންމާ އެހުރިހާ މީހުން މުޖްތަމައުއަށް ދޫކޮށްލުމުގެ ސަބަބުން ލިވާތުގެ ނުބައި އަމަލު ހިންގާ މީހުންނަށް މިވަނީ އިތުރު ހިތްވަރެއްލިބިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގައި މި ފާއިތުވި 4 ގެ ތެރޭގައި ޖިންސީގޯނާގެ މައްސަލަތަކާއި، އެއްޖިއްސުން ގުޅުން ހިންގުމާއި، މާރާމާރީ އާއި، ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި، މިނޫންވެސް މުޖްތަމައުއަށް ނުރައްކާތެރި ކުށްކުރާ ފަރާތްތައް މުޖްތަމައުއަށް ދޫކުރެވިފައި ތިބޭތިބުމާއި ގުޅިގެން ރައްޔިތުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހި ރާއްޖޭގައި ބޮޑެތި ކުށްކުރުން އާންމުވެ  ބިރުވެރި ތަނެއްގެ ގޮތުގައި ރައްޔިތުން ސިފަކުރަމުން އަންނައިރު ޤައުމުގެ އަމަން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ސަލާމަތީ ބާރުތަކުން މާބޮޑު ކަމެއް ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button