ޚަބަރުސިޔާސީ

ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލުކޮށްފި

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ ސަބަބުން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލުކޮށްފައި ވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި މިކަން ވަނީ ހާމަކުރައްވާފައެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ބޭރުގެ ތަޖުރިބާކާރުންނަށް މަސައްކަތް ހަވާލު ކޮށްފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކަށެވެ.

މޯލްޓާގެ ޕްރޮފެސަރު ރާއްޖެ ވަޑައިގެން މި މަހު މެދު ތެރޭގައި ކެބިނެޓަށް ރިޕޯޓު ހުށަހަޅުއްވާނެ ކަމަށާއި ޔޫކޭގެ ރިޕޯޓު އަންނަ މަހު ކެބިނެޓަށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ތައްޔާރު ކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހަޅާނެ ކަމަށާއި ބޭރުގެ ތަޖުރިބާކާރުންނާ އެ މަސައްކަތް ހަވާލު ކުރުމަށް ހިނގި ހަރަދުތަކާ ބެހޭ ތަފްސީލްތައް ކަމާބެހޭ އިދާރާތަކުން ކުރިޔަށް އޮތްތަނުގައި ހާމަ ކުރާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button