ޚަބަރުސިޔާސީ

ރައީސް އިބްރާހިމްގެ އަމުރަށް، ރައީސް ނަޝީދުގެ މީހުން މަގާމުތަކުން ވަކިކުރަންފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަމުރުފުޅަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މީހުން މަގާމުތަކުން ވަކިކުރަންފަށައިފިއެވެ.

މިގޮތުން އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަކިކޮށްފައެވެ. އެމްޑީޕީ ދެބައިވުމުން ޝިފާޒް ވަނީ ސަރުކާރާ ދެކޮޅަށް، ރައީސް ނަޝީދާއެކު ނުކުންނަވާފައެވެ. އަދި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާފައެވެ.

ހަމައެހެންމެ، ސަރުކާރާ ދެކޮޅުވެ، ރައީސް ނަޝީދަށް ތާއީދުކުރާތީ ގއ. ކޮލަމާފުށި ޔޫތު ސެންޓަރުގެ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުންނެވި ސައްފަތުﷲ ޖަމީލް ވެސް ވަނީ މަގާމުން ވަކި ކޮށްފައެވެ. ސައްފަތުﷲ މަގާމުން ވަކިކޮށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ސައްފަތުﷲ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މަގާމުން ވަކިކުރަން ރައީސް އިބްރާހިމް ސާލިހު ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސެއިން އަމްރު ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. އެމްޑީޕީ ދެބައިވުމުން އަމްރު ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވާ ރައީސް ނަޝީދާއެކު ފާޅުގައި މަސައްކަތް ކުރައްވާފައެވެ.

ސިޔާސީ ފިކުރު ތަފާތުވާ މީހުން މަގާމުތަކުން ވަކިކުރަމުން ދާއިރު، ސަރުކާރަށް ތާއީދުކުރާ މަޖިިލިސް މެންބަރުން ދަނީ ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން މަގާމުތަކުން ވަކިކުރާނެ ކަމުގެ ބިރުދައްކައި އިންޒާރުތައް ދެމުންނެވެ. އެމްޑީޕީގެ އިތުރުން ސަރުކާރާ ދެކޮޅުވާ ޖޭޕީގެ މެންބަރުންނަށް  ވެސް ދަނީ އިންޒާރުދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button