ޚަބަރު

ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސް ސޯލިހު ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާ އައު އަޒުމަކާއެކު ފެށުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިރާސީ އައު އަހަރެއް ފެށުމަކީ އަހަރެއްގެ ތެރޭގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަސްކަމަށެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަޚްލާޤީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

”އަޅުގަނޑުމެން މިތިބީ ތިޔަކުދިންގެ އުންމީދުތައް ހަގީގަތަކަށް ހަދާދޭން. ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ތިޔަކުދިންނަށް އުޖާލާ ކުރިމަގެއް ހޯދައިދޭން. އަދި މައިންބަފައިން ތިޔަކުދިންނާ މެދު ފޮނި ހުވަފެންތަކެއް އޮތްކަން އެނގިތިބެ އެ ހުވަފެންވެސް ހަގީގަތަކަށް ހަދައިދޭން. އަޅުގަނޑުމެން މިދަނީ އެ ފުރުސަތުތައްވެސް ފަހިކޮށްދެމުން“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކިޔަވާކުދިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން އެއްކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އިޤްތިޞާދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 8364 ޓީޗަރުންނާއެކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ.

ދަރިވަރުންނަށާއި ޓީޗަރުންނަށްޓަކައި ސްކޫލްތައް ވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި އައު އަހަރަށް މަރުޙަބާ ކިޔުމުގެ ކަންކަންވެސް ސްކޫލްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button