ޚަބަރުސިޔާސީ

ޒަހާ މިފަހަރު އައްޔަން ކުރީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ. ޒަހާ ވަހީދު މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމް އަދާ ކުރެއްވުމުގެ ކުރީގައިވެސް ޒަހާ ވަނީ އެ މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެ ގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސަރވިސް ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

ޒަހާ ވަހީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަކި ކުރީ މަގާމުގެ ޒިންމާ އަދާ ނުކުރެވޭކަމަށް މަސްވެރިންގެ ގިނަ ޝަކުވާތަކެއް އައުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button