ޚަބަރުސިޔާސީ

ޔާމީން ޖަލަށް ނުލައިފިނަމަ ފަނޑިޔާރުން ވަކި ކުރާނެކަމަށް އާޒިމް ވިދާޅުވުމުން އިދިކޮޅުން ސުޕްރީމް ކޯޓަށް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ނުލައިފިނަމަ ފަނޑިޔާރުން ވަކި ކުރާނެކަމަށް މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ވިދާޅުވުމުން އިދިކޮޅުން ސުޕްރީމް ކޯޓަށް ދާން ނިންމައިފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާޒިމް ޖުޑީޝަރީއަށް ފާޑު ކިޔައި، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ. އާޒިމް މަޖިލީހުގެ ތަޅުމުގައި މިއަދު ދެއްކި ވާހަކައިގައި އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ޙުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވަނީ ވާހަކަ ދައްކާފައިވާ ކަމުގައި އިދިކޮޅުން ބުންޏެވެ.

”މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރޭ.“ އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ އެންމެ ފަހުން ބޭއްވިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދައުލަތުގެ ހުރިހާ ވަސީލަތަކާއި، ފައިސާއަކާއި، ކުންފުނިތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިންތިހާއަށް ނުފޫޒު ފޯރުވައިގެންވެސް، އެދާއިރާގެ ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީ އަށް ނެތްކަން ހާމަވުމުން އެކަން ހަޖަމު ނުވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން ކަމުގައެވެ. އަދި އެއީ ޖުޑީޝަރީ ނުވަތަ މުސްތަޤިއްލު މުއައްސަސާތަކުގެ ކުށެއް ވެސް ނޫން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ނިންމުން ހަޖަމުކޮށް، މުސްތަޤިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އާޒިމަށާއި، އެމްޑީޕީގެ ލީޑަރޝިޕަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޢާޒިމްގެ މިމައްސަލަ ބައްލައި ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމުގެ މަސައްކަތް އިދިކޮޅުން ކުރިޔަށް ގެންދާކަމުގައި އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button