ޚަބަރު

ކޯރާޑިއަކުން ޖަހައި ބިދޭސީއެއްގެ ބޯ ފަޅާލައިފި

މާލޭގައި ބިދޭސީ އެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ބޯ ފަޅާލައިފިއެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި އެ ބިދޭސީ މީހާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އަދި އޭނާގެ ބޮލަށް ލިބުނު ޒަޚަމްގެ ސަބަބުން ގިނަ އަދަދެއްގެ ލޭފައިބާފައިވާ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާގޮތުން މި މާރާމާރީ ހިނގާފައި ވަނީ މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައެވެ.

ޒަޚަމްވި ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ އަށް އައިޖީއެމް އެޗް އަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ މާފަންނު ގެއަކުން ވައްކަން ކުރަން ވަދެ އުޅުނު ބިދޭސީ އަކަށް ހަމަލާ ދީފައިވާ ކަމަށް، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 23:55 ހާއިރު ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީއަށް ހަމަލާދިނީ ދިވެއްސެއްތޯ ނުވަތަ ބިދޭސީއެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

މިދުވަސްވަރަކީ މާލެ ސިޓީގައި މާރާމާރީ އާއި ފޭރުމުގެ ކުށްތައް އިންތިހާއަށް އިތުރުވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ދާދި ފަހުން މާލޭގެ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މައްސަލައިގެ އިތުރުން، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭހ.ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި ރަހުމުކުޑަ ގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ.

މީގެ އިތުރުން މާލޭގެ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުންދީ ފުލުހުންގެ އިދާރާއަށް ވަޅިއެއް ހިފައިގެން ވަން މީހެއްގެ މައްޗަށް ދާދިފަހުން ކުރިމިނަލް ކޯޓުން ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މީޑިއާނެޓްގެ މުވައްޒަފަކު އެތަނުގެ ތެރޭގައި އިންދާ ވަދެ ބަޔަކު ވަނީ ހަމަލާދީފައެވެ.

މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ސޯލިހުއަށް ތޫނު އެއްޗަކުންހަމަލާދީ ވަނީ ޒަހަމް ކޮށްލާފައެވެ.

މާލެ ސިޓީ ގައި ކުށްކުރުން އާންމުވެ  ބިރުވެރި ތަނެއްގެ ގޮތުގައި ރައްޔިތުން ސިފަކުރަމުން އަންނައިރު ޤައުމުގެ އަމަން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ސަލާމަތީ ބާރުތަކުން އެއްވެސް ކަމެއް ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button