ޚަބަރުސިޔާސީ

މަސްފެކްޓަރީއަކަށް ކުރީ ސަރުކާރުން ބަޖެޓުކޮށްފައި އޮތީ އެންމެ 1.9 މިލިއަން ރުފިޔާ!

އުތުރުގެ މަސްވެރިންނަށް އަޅައިދޭނެކަމަށް އިޢުލާންކުރި 150 މިލިއަން ޚަރަދުވާނެ މަސް ފެކްޓަރީގެ މަޝްރޫޢަށް ކުރީ ސަރުކާރުން ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 1.9 މިލިއަން ރުފިޔާ ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ސަރަހައްދީ މަސް ފެކްޓަރީއާއި އައިސްޕްލާންޓްގެ މަޝްރޫޢަށް 150 މިލިއަން އަށްވުރެ ގިނައިން ޚަރަދުވާނެ ކަމަށެވެ. ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި ކުރީ ސަރުކާރުން ހިމަނާފައި ވަނީ އެންމެ 1.9 މިލިއަން ރުފިޔާ ކަމަށެވެ.

އިހަވަންދޫ ރައްޔިތުންނަށް  އެސަރަހައްދުގެ ރައްޔިތުން ބޭނުންވާ ސްކޭލުގަ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާޢަތަށް ދާއިމީ ޒަމާންވީ ހައްލެއް ހޯއްދަވާ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން ޑިވެލޮޕަރ ފައިނޭންސް އުސޫލުން ވެސް މި މަޝްރޫޢު ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ފުލްސްކޭލްގައި މި އަހަރު މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އިހަވަންދޫއަކީ ވެސް ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާ ރަށެކެވެ. ރައީސް ވަނީ ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އުުތުރުގެ ރަށްތަކަށް އަންނާނެ އެންމެ ބޮޑު މަޝްރޫޢުއަކީ ”މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ“ މަޝްރޫޢުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެމަޝްރޫޢު ވެގެންދާނީ، މުޅި ރާއްޖޭގައި ވެސް ހިންގޭ އިޤްތިޞާދީ އެންމެ ބިޔަ، ބޮޑު މަޝްރޫޢު ކަމަށާއި އެސަރަޙައްދުގެ ހުރިހާ ރަށްތަކަށް އޭގެ މަންފާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button