ޚަބަރުސިޔާސީ

ބަރުލަމާނީ އަށް ތާއީދު ނުކުރުމަށް ގާސިމް ގޮވާލައިފި

ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ގާސިމް މިފަދައިން ގޮވާލެއްވީ އެމަނިކުފާނު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ގާސިމް ވިދާޅުވީ ދިވެހިރާއްޖެ ވަނީ ކުރިންވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެކަމުގެ ތަޖުރިބާ ކޮށްފައިވާކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ރައީސެއްގެ ކޯޅުންގަނޑު ބޮޑުވާނެކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ހުންނަ ރައީސަކީ އެއްވެސް ބާރެއް ހުންނަ މީހެއް ނޫންކަމުގައިވެސް ގާސިމް ވަނީ ފާހަގަ ކުރައްވާފައެވެ.

”ރައްޔިތުންގެ މަޖިލީހުގަ ތިއްބަވާ މެމްބަރުން ތިއްބަވާނެ ކެބިނެޓްގަވެސް. ކެބިނެޓްގަ ތިއްބަވާ ހުރިހާ ބޭފުޅުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެހެންކަމުން މަޖިލީހުންވެސް މުސާރަ ނަންގަވާނެ. އަނެއްކޮޅުން މިނިސްޓަރު ކަމުގައި ތިއްބަވައިގެންވެސް މުސާރަ ނަންގަވާފަ ހުރިހާ އެއްޗެއް އެއް ޖީބަކަށް މި އަޅަނީ. ދެން އެ މީހުން ކޮރަޕްޝަންގެ އަމަލު ހިންގީމަ އެ މީހުންގެ މައްސަލަ ބަލަން އަނެއްކާވެސް ދާންވީ ރައްޔިތުންގެ މަޖިލީހަށް؟ ބެލޭނެތަ؟ ހަމަ ތާކުންތާކު ނުޖެހޭ ކަމެއް“ ގާސިމް ވިދާޅުވިއެވެ.

ގާސިމް މިފަދައިން ބަރުލަމާނީ ނިޒާމަށް ފާޑުވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button