ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދިނުމަށް ޝިފާއު ގޮވާލި މައްސަލަ ތަޙުޤީޤުކުރުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާޢު މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލި ގޮވާލުން ހަރުކަށިކޮށް ކުށްވެރިކޮށް މައްސަލަ ތަޙުޤީޤުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އަނިޔާވެރިވެ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ގޮވާލި ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، އަދި ޝިފާޢު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލަކަށްވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤްކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލާކަމަށެވެ.

ޝިފާޢުއަކީ މިސަރުކާރު ދިފާޢުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު، އިބްރާހީމް މުހައްމަދު ޞާލިޙަށާއި މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލީހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ފާހަގަވަމުންދާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައިވެސް އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވަނީ ވިދާޅުވެފައެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އެ ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓްކަމަށާއި އެހެންކަމުން ސަރުކާރުގެ ނުފޫޒުން ހަރާން ޙުކުމެއް ޖަހައި އަނިޔާވެރިވަމުންދާއިރު، ކުރިއަށް އޮތްތާ އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާތީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button