ޚަބަރު

އާމްދަނީއަށްވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން ހަފްތާއެއްގެ ތެރޭ 950 މިލިއަން ރުފިޔާގެ ދަރަނި އިތުރުވެއްޖެ

ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން ހަފްތާއެއްގެ ތެރޭ ދަރަންޏަށް 950.3 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީއިން އިއްޔެ އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2022 އިން ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 13 ބިލިއަން ރުފިޔާއެވެ. އެކަމަކު އެމުއްދަތުގެ ތެރޭގައި 17.8 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެހެން ކަމުން އާމްދަނީއަށްވުރެ އިތުރަށް ދަރަންޏަށް ފައިސާ ނަގައިގެން އިތުރު 4.7 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ.

ފިނޭންސުން ޖޫން 23 ގައި އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2022 އިން އެ މުއްދަތުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 12.6 މިލިއަން ރުފިޔާއެވެ. އެކަމަކު 16.4 މިލިއަން ރުފިޔާ އެ މުއްދަތުގެ ތެރޭގައި ހަރަދުކުރިއެވެ. އެހެން ކަމުން ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދަރަންޏަށް ފައިސާ ހޯދައިގެން 3.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޖޫން 23 އިން 30 އާއި ދެމެދެ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދަރަންޏަށް ފައިސާ ނަގައިގެން 950.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން މިވަނީ ހާމަވެފައެވެ. އަދި ހިނގަމުން މިދާ ޖުލައި މަހުގެ ފުރަތަމަ ހަފްތާ ނިމޭއިރު މިއަދަދު ބިލިއަނަކަށްވުރެ މައްޗަށް އަރާނެއެވެ.

ސަރުކާރުގެ އާމްދަނީއަށްވުރެ ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން ދަރަނީގެ އަދަދު ދަނީ އިންތިހާ ދަރަޖައަށް މައްޗަށް އަރަމުންނެވެ. އަދި އާމްދަނި އިތުރަށް ހޯދުމަށް ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ބޮޑު ކުރާށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button