ޚަބަރު

މުއުމިނުންނަކީ ފޭރާމެއްގެ ރޮދިތައް ފަދައިން އެކަކު އަނެކަކާ ގުޅިފައިވާ ބައެއް: ޙުޠުބާ

މުއުމިނުންނަކީ ފޭރާމެއްގެ ރޮދިތައް ފަދައިން އެކެކު އަނެކަކާ ގުޅިފައިވާ ބައެއް ކަމަށާއި، އެކަކު އަނެކަކަށް އިހުސާންތެރިވެ، އަހުވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވުނު ހުކުރު ހުތުބާގެ މައުލޫއަކީ “އިސްލާމީ އަހުވަންތަކަން” މި މައުލޫއެވެ. އެގޮތުން ހުތުބާގައި ބުނެފައިވަނީ މާތް އިންސާނުން އުފެއްދެވީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އެކަކު އަނެކެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތައް ކަމަށެވެ. ވީމާ ކޮންމެ އިންސާނަކުވެސް މުސީބާތާ ތަކުލީފުގެ ވަގުތު ތަކުގައި އެހެން މީހުނަށް އެހީތެރިވެ ހަމްދަރުދީ ވާންޖެހޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިންސާނުން އުފައްދަވާފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ، އިޖުތިމާއީ ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މުއުމިނުންނަކީ ފޭރާމެއްގެ ރޮދިތައް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅިފައިވާ ބައެއް ކަމަށާއި، އެހެންކަމުން އިސްލާމީ މުޖުތަމައުގެ އަފްރާދުން ވާންޖެހީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކު ކަމުގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހަމަ އެހެންމެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންގެ މަތިން ހަނދާންކޮށް، އެމީހުންނަށްޓަަކައި ހެޔޮދުއާކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެމީހުނަށް އިހްސާންތެރިވެ، އެހީތެރިވުމަށް ވަނީ ގޮވާލާފައެވެ.

ހުތުބާގައި އަދިވެސް ވަނީ ތިމާގެ އަމިއްލަ މަސްލަހަތައްވުރެ އެހެން މީހުނަށް އިސްކަންދީ އަޅައިލުމަށް ގޮވާލާފާއެވެ. އަދި ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކު ނުކުރެވޭނެ މީހެއްކަން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް އެކަކު އަނެކަކަށް އެހީޔެރިވެ އިހުސާންތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއްކަން ވަނީ ހަނދާން ކޮށްދީފައެވެ.

ހުތުބާ ކުރުކޮށްލަމުން ބުނެފައިވަނީ މުސްލިމުންނަކީ އެއްބަނޑުއެއްބަފާ، އެއްބައިވަންތަ، އުހުއްވަތްތެރި ބައެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުގައިވާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި، ތަކްލީފުތަކުގައި ބައިވެރިވާންޖެހޭ ކަމަށެވެ. އަދި އެއްބަޔަކު އަނެއްބައެއް ދެކެ ލޯބިވުމަށާއި އެހީތެރިވެ އަޅާލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button