ޚަބަރު

ޢިލްމުވެރިން ތިއްބާ އިލެކްޝަނުން ވަކި ގޮތަކަށް ދަރުސްދޭން އެންގުމަކީ އިސްލާމްދީނަށް ގޮންޖެހުން: ނަބީލް

ދީނީ ޢިލްމުވެރިން ތިއްބާ އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތަކަށް ދަރުސް ދޭން އެންގުމަކީ ސީދާ އިސްލާމްދީނަށް ގޮންޖެހުން ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް ވިދާޅުވެއްޖެއެވެ.

ނަބީލް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ދީނީ ޢިލްމުވެރިންނަށް ވަކިގޮތަކަށް ދަރުސް ދިނުމަށް މަޖުބޫރުކުރާފަދަ ޤަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނަބީލްގެ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި ކިޔަވައިގެން ތިބި ދީނީ ޢިލްމުވެރިން ތިއްބާ އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތަކަށް ދަރުސް ދޭން އެންގުމަކީ ސީދާ އިސްލާމްދީނަށް ގޮންޖެހުން ކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަނަކީ ވަކި ގޮތަކަށް އިންތިޚާބު ގެންދަން މަސައްކުރާ ވަގު ނެޓުވޯކުގެ ބައެއްކަން މިކަމުން ސާބިތުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނަބީލް މިފަދައިން ވިދާޅުވެފައިވާއިރު ދީނީ ޢިލްމުވެރިންގެ ދޫ ބަންދުކުރަން އުޅުނަސް ރައްޔިތުން ޗޯރަށް ގޮވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްލާމް ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް އިސްވެ އޮންނަންޖެހޭ އަސާސް ކަމަށާއި، އެކަމާ ޚިލާފަށް ކަންކަން ގެންދިއުމަކީ ”ލާދީނިއްޔަތު“ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ހަސަން ފިކުރީ ވެސް ވިދާޅުވިއެވެ.

އީސީން ނެރުނު ޤަވާއިދުގައި ދީނީ ދަރުސްތައް ދެއްވާއިރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން ވަނީ މަނާ ކޮށްފައެވެ.އެ ޤަވާއިދުގައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައާއި، ދީނީ ދަރުސްތަކުގައާއި، އަދި ޚުޠުބާތަކުގައި ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާ އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

ސަރުކާރު މެދުވެރިވެގެން މިފަދަ ޤަވާއިދުތައް ނެރުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button