ޚަބަރު

ރިޔާސީ އިންތިޚާބާ ދިމާކޮށް ދީނީ ޢިލްމުވެރިން ވަކިގޮތަކަށް ދަރުސް ދޭން އަންގައިފި

ރިޔާސީ އިންތިޚާބާއި ދިމާކޮށް ދީނީ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ހުރަސް އެޅޭފަދަ ޤަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އެގޮތުން ދީނީ ދަރުސްތައް ދެއްވާއިރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން ވަނީ މަނާ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައާއި، ދީނީ ދަރުސްތަކުގައާއި، އަދި ޚުޠުބާތަކުގައި ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާ އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ވަކި ޖިންސެއްގެ މީހަކަށް ވާތ،ީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައ،ި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައ،ި އެއީ ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ޤަވާއިދެއް އާންމުކުރުމާއިއެކު މިކަމާއި ޚިޔާލުތަފާތުވުން އުފެދި، މިއީ ދީނާއި ސިޔާސަތު ވަކިކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިކަމަށް ޢިޝާރާތް ކުރައްވާ ދީނީ ޢިލްމުވެރިޔާ ޝެއިޚް ހަސަން ފިކުރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނާއި ސިޔާސަތު ވަކިކުރުމަކީ ސެކިޔުލަރ ފިކުރު ފެށިގެން އައި ގޮތް ކަމަށާއި، ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް އިސްވެ އޮންނަން ޖެހޭ އަސާސް ކަމަށެވެ. އަދި މިޔާއި ޚިލާފަށް ކަންކަން ގެންދިއުމަކީ ”ލާދީނިއްޔަތު“ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި ދީނީ ދަރުސްތަކުގައި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށްފައި ވާއިރު، މިހާރު ހިނގަމުންދާ ވެރިކަމަށް 2018 ގައި ކުރެވުނު ކެމްޕޭނުތަކުގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހަށް ވޯޓް ހޯދައިދެއްވުމަށް ދީނީ ޢިލްމުވެރިން ތަކެއް ވަނީ އެކި އެކި ޕޯޑިއަމްތަކުގައި އެފަދަ ދަރުސްތައް ދެއްވާފައެވެ. އަދި ރައީސް އިބްރާހިމަކީ މާތް ނަބިއްޔާ ދުޢާ ދެންނެވިފަދަ ވެރިއެއް ކަމަށާ، ރައީސް އިބޫ އަށް ވޯޓު ދެއްވުމަށް ގޮވާލާ އެ ޢިލްމުވެރިން ވަނީ ކެމްޕޭން ކުރައްވާފައެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ޝެއިޚް އާދަމް ޝަމީމް ވަނީ ”އަންދަލުސް“ ގެ ނަމުގައި ޤައުމުގެ ޙާލަތަށް ރިޢާޔަތް ކުރައްވާ ދަރުސްތަކެއް ދެއްވާފައެވެ.

އިލެކްޝަނުން މި ޤަވާއިދު ނެރެފައިވާއިރު، ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ރައީސް އިބްރާހިމްގެ ސިއްރު ސިޓީ އަކުން ވިއްކާލި މައްސަލާގައި ”މިނިވަންކަން“ ނަމުގައި، ޖަމިއްޔަތުއް ސަލަފުން ވަނީ ބޮޑު ދަރުހެއް ބާއްވާފައެވެ. އެ ދަރުސްގައި އަލިއަޅުވާލެއްވީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ކަން ހިނގާދިޔަ ގޮތާއި މިނިވަންކަން ގެއްލި، މިނިވަން ކަމަށް އަސަރު ކުރި ގޮތްތަކުގެ ވާހަކަ އެވެ. އެ ދަރުސްތެރެއިން ޝެއިޚް ސަމީރު ވަނީ ސިއްރު ސިޓީ ތަކުން މާޒީގައި ރާއްޖޭގެ މިނިވަންކަމަށް ކޮށްފައިވާ އަސަރުތައް ހާމަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަށް މިނިވަންކަން ނުހަނު މުހިންމު އިރު، މިހާރު އެ މިނިވަންކަމާއި މެދު ވިސްނާލަންޖެހިފައިވާ ކަމަށްވެސް ޝެއިޚު ސަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ބެލެވޭ ގޮތުގައި އިލެކްޝަނުން މިފަދަ ޤަވާއިދެއް އެކުލަވާލާފައި މިވަނީ މިއަދު ޤައުމަށް ދިމާވެފަވާ ބޮޑެތި މައްސަލަތަކާއި ގުޅިގެން ދަރުސްތައް ދިނުމަށް ޢިލްމުވެރިންނަށް ހުރަސް އެޅުމަށް ސަރުކާރުން އިރުޝާދު ދެއްވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button