ޚަބަރުސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ 2024 އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ހުޅުވާލައިފިއެވެ.

ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ 1، ހެނދުނު 08:30އިން ފެށިގެން މި މަހުގެ 07ވާ ބުދަ ދުވަހުގެ ހަވީރު 04:00ގެ ނިޔަލަށެވެ.
އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ. އަދި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރު ގައުމުތަކާއި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައި ކަމަށެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓްގެ ޒަރިއްޔާއިން ޗެކު ކުރެވޭނެއެވެ. އަދި (VR space ID.No‎ Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކު ކުރެވޭނެއެވެ.
އީސީން ބުނީ ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv‎ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓަރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ.
ރީ-ރަޖިސްޓަރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.
އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގޭގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30އިން މެންދުރުފަހު 03:00އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00އިން މެންދުރުފަހު 03:00އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00އިން ހަވީރު 05:00އަށް އަދި ފެބުރުވަރީ 07 ވާ ބުދަ ދުވަހު ހަވީރު 04:00 ނިޔަލަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button