ޚަބަރު

ކޮވިޑު ކޭސްތައް އިތުރުވަމުންދާތީ މާސްކު އަޅަން އިލްތިމާސް ކޮށްފި

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީ މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށްފައިވަނީ، ކޮވިޑުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދި ނެރުނު ނޫސްބަޔާނެއްގައެވެ.

އެޗްޕީއޭއިން ވަނީ، މިދުވަސްވަރު ދުނިޔޭގެ އެކި ޤައުމުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މި މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ތިންވަނަ ހަފްތާގައި ރާޢްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު 185 އިންސައްތަ މައްޗަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވެ، މިމަހުގެ ތެރޭގައި މި ބަލި ޖެހިގެން 3 މީހުން ނިޔާވެފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އަތޮޅުތެރޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާ ދުވަސްވަރަކަށް ވާތީ، އަރިދަފުސް ރޯގާ އަދި އެހެނިހެން ބަލިތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އަންގާފައިވާ އާންމު ފިޔަވަޅުތައް:

  • ގިނަ މީހުން އެއްވާ ތަންތަނުގައި މާސްކު އެޅުން. މިގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓް، ފެރީ ޓާމިނަލް، ދަތުރުފަތުރުކުރާ ވަސީލަތްތައް މިސްކިތް އަދި ބޭންކް ފަދަ ތަންތަނުގައި މާސްކުއެޅުން
  • ސިއްހީ ހިދުމަތްދޭ ތަންތަނަކީ ހައި ރިސްކް މީހުން ގިނަ ތަނަކަށްވުމާ އެކު، ބަލި މީހުންނާއި ސްޓާފުންގެ ރައްކާތެރިކަމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރާ ބަލި މީހުންނާއި އެހީތެރިން އަބަދު ވެސް މާސްކު އަޅައިގެން އުޅުން
  • ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އަޅައި، ގޭގައި އެކަހެރިވުން އަދި ވީ އެންމެ އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން
  • ބަލިމީހުންނާއެކު ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ އެހީތެރިން މަދުކުރުން އަދި މިތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުން. ހާއްސަކޮށް އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ޒިޔާރަތްކުރުން މަދުކުރުން
  • އާއްމު ތަންތަން ގަވާއިދުން ސާފުކޮށް ޑިސްއިންފެކްޓް ކުރުން އަދި އަތް ސާފުކުރެވޭނެ އިންތިޒާމު މިތަންތަނުގައި ހަމަޖެއްސުން
  • ގިނަގިނައިން އަތް ސާފުކުރުން
  • ކޮވިޑް އަދި އިންފުލެއެންޒާ ވެކްސިންގެ ޑޯޒުތައް ވީ އެންމެ އަވަހަކަށް ފުރިހަމަކުރުން

ދަތުރު ކުރާއިރު ސަމާލުކަންދޭންވީ ކަންތައްތައް

  • ދަތުރުގެ ކުރިން ދަތުރުކުރާ ގައުމު ނުވަތަ ރަށުގެ ކޮވިޑްގެ ހާލަތު ރަނގަޅަށް ދެނެގަތުން. އަދި ކޮވިޑްގެ ހާލަތު ގޯސް ރަށްރަށާއި ގައުމުތަކައް ދަތުރު ކުރުން ލަސްކޮށްލުން
  • ދަތުރުގެ ކުރިން ވެކްސިން ޑޯޒުތައް ފުރިހަމަކުރުން
  • ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަންޖެހޭ ނަމަ، ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑު އަލުން ހަދަންޖެހޭ ނަމަ ދުރާލާ އެކަމަށް އެދުން
  • ބަލީގެ އަލާމާތެއް ހުރިނަމަ ކޮވިޑަށް ޓެސްޓުކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުން
  • ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން

އެޗްޕީއޭއިން ވަނީ އެއްވުންތަކާއި ހަފުލާތައް ބާއްވާއިރު ސަމާލުކަން ދިނުމަށްވެސް އެދިފައެވެ. އެގޮތުން ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައްވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި ރައްކާތެރިގޮތުގައި އިވެންޓުތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކޯވިޑް ވެކްސިން ޖެހުމަކީ މި ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހުނު ނަމަވެސް ބޮޑުވަރު ނުވެ ބަލިން ފަސޭހަވުމަށް މަގުފަހި ކުރުވާ ކަމަކަށްވާތީ ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button