ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަދިސާގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ:ޕީޕީއެމް
އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވާލުމަށް ގިނަ އަދަދެއްގެ ބަޔަކު ގަލޮޅު ދަނޑަށްވަދެ ހިންގި ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެޕާޓީއިން ބުނެފިއެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ހިނަގާދިޔަ ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ، އެއީ އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ މޭރުމަކުން ބަޔާނެއް ނެރެފައެވެ. މިކަމާ ގުޅިގެން އެކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ އެއީ ޕީޕީއެމުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެކަމަކީ ސަރުކާރުން ރާވައިގެން އެކޯލިޝަންގެ އަގު ވައްޓާލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
ހަމަ އެހެންމެ އެކޯލިޝަނުން ދުވަހުކެސް މިފަދަ ކަމެއް ނުކުރާނެ ކަމަށާއި، ޕީޕީއެމް – ޕީއެންސީއިން ހިންގާ ހަރަކާތްތަކަކީ އަބަދުވެސް ދުރާލާ އިއުލާންކޮށް، އަދި ފުލުހުންނަށްވެސް އެންގުމަށްފަހު ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
އަބްދުރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދަން މަސައްކަތްކުރި ބައެއް ހަރަކާތްތައް ފުލުހުން ނުކުމެ ހުއްޓުވާފައިވާއިރު، އިއްޔެ ހިނގާދިޔަ ހާދިސާ ފުލުހުންނަށް ނުހުއްޓުވޭންވީ ސަބަބެއް ނެތެވެ. އަދި އެކަން އެހެން ވެގެންދިޔައީ، އެއީ ސަރުކާރުން ރާވައިގެން އިދިކޮޅު ބަދުނާމުކުރުމަށް ފުލުހުން ލައްވާ ކުރުވި ކަމަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުރަހީމް ވިދާޅުވީ މިކަމާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް އެކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މުޖްތަމައުގެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމެއް އެކޯލިޝަނުން ކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
ސަރުކާރުން މީގެ ކުރިންވެސް ވަނީ އިންޑިއާގެ ރައްޔިތުނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް އިދިކޮޅު ކޯލިޝަންގެ ބޮލުގައި އެޅުވުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ދާދި ފަހުން ހިނގައިދިޔަ މިފަދަ ދެހާދިސާ ހިންގި ފަރާތްތައްވެސް ނިސްބަތްވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށެވެ.