ޔޯގާ ހުއްޓުވި މައްސަލަ ބަލަން ނިންމި އިރު، ރަސޫލާއަށް ފުރައްސާރަ ކުރި މީހާ ހައްޔަރު ކުރި ކަމެއް ނޭނގޭ
އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ޒުވާނުން ނުކުމެ ހުއްޓުވުމާއި ގުޅިގެން އެމައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙް ވަނީ ނިންމާފައެވެ.
އެގޮތުން ރައީސް ސާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑުގައި މިއަދު ހިނގާދިޔަ ހާދިސާ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަލަމުން ދާކަމަށެވެ. އަދި މި މައްސަލަ ހައްސާސް މައްސަލއެއްގެ ގޮތުގައި ބަލައި، ބައިވެރިވި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.
ރައީސް ސާލިޙް މި މައްސަލައިގައި ބަސްފުޅު ވިދާޅުވެފައިވީނަމަވެސް، ދާދިފަހުން އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ހަޖޫޖެހި މީހެއްގެ މައްސަލައެއް ފެންމަތުވިއިރު އެމަނިކުފާނުވެސް، އަދި ސަރުކާރުގެ ކަމާބެގޭ އެއްވެސް އިދާރާއަކުންވެސް އެކަން ބެލުމަށް މަސައްކަތްކޮށްފައެއް ނުވެއެވެ. އަދި އެމީހާ ހައްޔަރު ކޮށްފައެއްވެސް ނުވެއެވެ.
އެގޮތުން ކުރެދިކުރި ނަމުގައި ޓްވިޓަރ އެކައުންޓެއް ހަދައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރީ ހުސައިން ޝައިހާން ނަމަކަށް ކިޔާ މީހެއްކަން ވަނީ ހާމަވެފައެވެ.
ކުރެދިކުރި ޖަހާފައިވާ އެކައުންޓް ކުރިން ބޭނުންކުރީ ޝައިހާންގެ އަމިއްލަ ނަމުގައެވެ. އަދި ނަން ބަދަލުކުރުމުގެ ކުރިން އެ އެކައުންޓުން އޫރިދޫ އަދި ބީއެމްއެލް އާއި މުއާމަލާތް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އަދި މި ނޫނަސް މިއީ ޝައިހާންކަން އެނގޭ އެތައް ހެކިތަކެއް ވަނީ ހާމަވެފައެވެ. މިހާވަރަށް މި އެކައުންޓުގެ ހަގީގަތް ހާމަވީ ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން މި މައްސަލަ ބެލުމަށް ނިންމާފައިވާކަމެއް އެނގިފައެއް ނެތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޭގެން އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައެއް ނުވެއެވެ. އެހެން ނަމަވެސް އިންޑިއާގެ މަސްލަހަތު އެކުލެވޭ ކޮންމެ މައްސަލައެއް ފުލުހުންނާއި ސަރުކާރުގެ އިދާރަަތަކުން ދަނީ އިސާހިތަކު ބަލައި ފިޔަވަޅު އަޅަމުންނެވެ.
މިކަމާ ގުޅިގެން ގިނަބަޔަކު ދަނީ ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދަމުންނެވެ. އަދި އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް އަށްވުރެ ސަކާރަށް މުހިންމުވަނީ އިންޑިއާތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
Mihaaru m dhivehi raajje eh nnon m India raajje islaam dheenah hajoo jehi varakah misarukaaruge mathy magaamu thah libeyne yageen😠