
ޔޯގާ ހުއްޓުވި މައްސަލައިގެ ތަހުގީގުގެ ފޯކަސް އޮތީ ޕީޕީއެމް އޮފީސް ތެރެއަށްކަން ފުލުހުން ނެރުނު ބަޔާނުން ހާމަވެއްޖެއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ސެޝަންގެ ތެރެއަށް އާންމުންގެ ބަޔަކު ވަދެ، އެކަން ހުއްޓުވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުން އަދި އާންމުންގެ މީހުނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ބައެއް މީހުނަށް ހަމަލާ ދީފައިވާ ކަމުގައެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އަމަލު ހިންގި މީހުން ބޭނުން ކުރި އާލާތްތައް ނެރުނީ ޕީޕީއެމް އޮފީހުން ކަމުގައި ފުލުހުން ބުންޏެވެ.
#MPSPressStatement: PMC/2022/09 -2022 June 21 vana dhuvahu National Stadium gai beyvi harakaathah huras elhi massala aagulhey https://t.co/hgTumoGbue#MPSNoosbayaan pic.twitter.com/XxwhNWyVm4
— Maldives Police (@PoliceMv) June 21, 2022
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލައި ފުލުހުން އަމަލު ކުރިގޮތުގެ އިންޓާނަލް ރިވިއުއެއް ހެދުމަށްވެސް ނިންމާފައިވާ ކަމުގައެވެ.
ޕީޕީއެމަށް ފުލުހުން ކުރާ ތުހުމަތުތަކަށް މިހާތަނަށް ރަސްމީ ޖަވާބެއް ދީފައި ނުވާއިރު، ނުރަސްމީ ގޮތްގޮތުން އެ ހަރަކާތައް ދިދަ ދިން ކަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ. އެކަމަކު އެއީ ގާނޫނީގޮތުން މަނާ ކަމެއް ނޫން ކަމަށާއި، އެކަމަކުގައި އެ ޕާޓީގެ ރަސްމީ ބަހެއް ހޯދުން މުހިންމު ކަމުގައި ނުރަސްމީ ގޮތްގޮތުން ”ބޮންތި“ އާއި ވާހަކަ ދެއްކި ޕީޕީއެމްގެ ބަޔަކު ވަނީ ބުނެފައެވެ.