ޒުވާނުން ނުކުމެ ޔޯގާ ޑޭ ހަރަކާތް ހުއްޓުވައިފި!

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ޒުވާނުން ނުކުމެ ހުއްޓުވައިފިއެވެ.
ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ މި ހަރަކާތް ހުއްޓުވުމަށް ދީނީ ޝިޔާރު ޖަހާފައިވާ ދިދަތަކަކާއެކު ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ޒުވާނުން ވަދެ ވަނީ އެކަމާ ދެކޮޅަށް އަޑުފުލާފައެވެ. ދަނޑަށް މީހުން ވަނުމާއެކު ޔޯގާ ޑޭ ހަރަކާތުގެ ބައިވެރިން ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ.
ޔޯގާ ހަރަކާތުގެ ބައިވެރިންނާއި އެ ހަރަކާތް ހުއްޓުވަން ވަން ޒުވާނުންނާއި މެދު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އެހެން ނަމަވެސް އާންމުން ދަނޑަށް ވަނުމާއެކު ރަޔަޓް ގިޔަރުގައިތިބި އެސްއޯ ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ކަރުނަގޭސް ޖަހާފައެވެ.
ޔޯގާޑޭ ހަރަކާތް ކުރިއަށްގެންދިޔަ ނުދިނުމަށް އެތައް ބަޔަކު ވަނީ ސަރުކާރަށް ގޮވާލާފައެވެ. އެހެން ނަމަވެސް އެހަރަކާތަށް ބަދަލެއް ނުގެނެސް ވަނީ ކުރިއަށްގެންގޮސްފައެވެ.