ޚަބަރު

ނަފްރަތުގެ ބިލާއި ދެކޮޅަށް 101 ޢިލްމުވެރިޔަކު ތެދުވެއްޖެ

ގާނޫނުލްއުގޫބާތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހާއި ދެކޮޅަށް ރާއްޖޭގެ 101 ދީނީ ޢިލްމުވެރިން ތެދުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ގިނަ އިލްމުވެރިންތަކެއް ސޮއިކޮށް މިކަމާއި ގުޅޭ ޕެޓިޝަނެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހަޅާފައެވެ. މި ޕެޓިޝަނުގައި، މި އިސްލާހް އަނބުރާ ގެންދިޔުމަށް ރައީސް ސާލިހަށް ވަނީ ގޮވާލާފައެވެ.

”މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަގީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެން ނޯންނާނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރަމެވެ،“ ޕެޓިޝަންގައި ޢިލްމުވެރިންގެ ފަރާތުން ބުނެފައި ވެއެވެ.

https://www.facebook.com/103384354411329/posts/510042617078832/?sfnsn=mo

މުޖުތަމައުގައި ހެޔޮ ކަންކަން ފެތުރުމާއި ނުބައި ކަންކަން ހުއްޓުވުމަކީ ވެރިމީހާގެ ޒިންމާއެއްކަން އިލްމުވެރިންގެ ޕެޓިޝަނުގައި ވަނީ ހަނދާން ކޮށްދީފައެވެ. އަދި ގާނޫނުލް އުގޫބާތަށް އިތުރުކުރަން ހުށަހަޅާފައިވާ 124ވަނަ މާއްދާއާއި ގުޅިގެން ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ ޝިޢާރަށް ހުރަސްއެޅޭ ކަމަށް އެ ޕެޓިޝަނުގައި ސިފަކޮށްފައިވެއެވެ.

މީގެ އިތުރުން ދީނާއި ދެކޮޅަށް ސެކިއުލަރިޒަމް ފެތުރުމަށް އެކިއެކި ޖަމާއަތްތަކުން ހިންގި ޖަރީމާތަކުގެ މައްސަލަތައް އެކި ބަހަނާގައި ހުއްޓުވާފައި އޮތްކަމަށް ބުނެ ސަރުކާރަށް ވަނީ އެޕެޓިޝަނުގައި ފާޑު ކިޔާފައެވެ. މިކަން މިހެން އޮތް އިރު ދީނަށް ލޯބިކުރާ ރައްޔިތުންނާއި ޢިލްމުވެރިން ބަސްބުނަން އޮތް ފުރުސަތު ބަންދުކުރަން މިބިލުގެ ތެރެއިން ކުރާ މަސައްކަތައް މިލިޔުމުގައި ވަނީ އިތުރަށް ނުރުހުން ފާޅުކޮށްފައެވެ.

ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވަނީ 3 ނުކުތާއެކެވެ. އެއީ:

  1. އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން؛ ނުވަތަ
  2. އިސްލާމީ އަގީދާއާއި ގުޅުވައި މުޖުތަމައުގެ މީހަކާއިމެދު ނަފްރަތު އުފެއްދުން؛ ނުވަތަ
  3. އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން

މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ މިބިލާއި ދެކޮޅަށް ގިނަ ރައްޔިތުންތަކެއް ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ. ގިނަ މީހުންގެ ނުރުހުން އަމާޒުވެފައިވަނީ މިއީ ސެކިއުލަރިޒަމަށް ހުޅުވޭ ދޮރެއް ކަމަށާއި، ލާދީނީ މީހުންނަށް ރައްކާތެރިކަން ދިނުމަށް ހުށަހެޅޭ ބިލެއްކަމަށް ބުނެއެވެ. ޢިލްމުވެރިންގެ އިތުރުން އެކި އެކި ޖަމިއްޔާތަކާއި، މުއައްސަސާތަކާއި ކައުންސިލްތަކުން ވެސް ވަނީ މި ބިލް ފާސްވުން ހުއްޓުވުމަށް ބަޔާންތައް ނެރެފައެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ދަނީ ހުރިހާ ފަރާތްތަކަށް ގޮންޖަހާ މި ބިލާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަދައްކައިގެން މިބިލު ދިފާޢު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button