
ށ.ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަވަން ނިންމަވާފައިވާކަމަށާއި ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށްގެންދަވާނެކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ސަރުކާރުން ތައުލީމީ ސިޔާސަތު ކުރިޔަށްގެންދަވާ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިހާރު ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުންކަމާ އަދި މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުނަދޫ ސްކޫލުގެ މުހިންމު ބައެއް ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެވެ. އަދި ނިމިދިޔަ ދިރާސީ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ހިލޭ ޑިގްރީއާ އަދި ރާއްޖޭން ބޭރުން ކިޔެވުމަށް ސަރުކާރުން ފުރުޞަތުތައް އިތުރުކޮށްދެއްވާފައިވާ މައިގަނޑު އަމާޒަކީ ވެސް ޒަމާނީ އިލްމުގެ އަލީގައި މީހުން ބިނާ ކުރުންކަމުގައެވެ.
”ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖްތަމައާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ޙާލަތާއި، އެ ޙާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކާއި ތައުލީމީ ދާއިރާއަށް ސަރުކާރުން ގެންނަވަމުން އަންނަ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ރާވާފައިވާ 203 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިޔަށްދާކަމާއި އަދި މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫއެއް ކުރިޔަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި، ރައީސް ވަނީ ފުނަދޫ ސްކޫލު އުފައްދަވައި އެ ސްކޫލަށް ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފައެވެ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޝަރަފުގެެ ފިލާ ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ބާނީ ފުނަދޫ އަލިވާގޭ އަލް މަރްހޫމް އަބުދުލް ކަރީމަށާއި މަކްތަބުގެ މުދައްރިސް އަބުދުލް ހާދީ ޔޫސުފަށެވެ. މީގެ އިތުރުން ސްކޫލަށް 15 އަހަރާއި 19 އަހަރާ ދެމެދު ހިދުމަތްކުރެއްވި ބޭފުޅުންނާއި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވަނީ ރައީސް ސޯލިހެވެ.
ފުނަދޫ ސްކޫލް އުފެދިފައި ވަނީ މަކްތަބުލް މުނީރުގެ ނަމުގައި 1972 ވަނަ އަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުގައެވެ.