ޚަބަރު

ގެދޮރުވެރިޔާ ލޯނު ދިނުމަށް ކަނޑައަޅައިފައިވަނީ 170 މިލިއަން ރުފިޔާ

ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި ގެދޮރު އެޅުމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ގެދޮރުވެރިޔާ ޕްރޮގްރާމަށް 170 މިލިއަން ރުފިޔާގެ ފަންޑެއް ކަނޑައަޅައިފައިވާ ކަމަށް ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވެފައިވަނީ ”މިހާރު“ ނޫހަށް މައުލޫމާތު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވެފައިވާގޮތުގައި އަމިއްލަ އަށް ނުވަތަ ރަށުން ކޮންޓްރެކްޓަރެއް މެދުވެރިކޮށް ގެ ބިނާކުރުމަށް 7000000  ރުފިޔާއަކީ، ފެންވަރު ރަނގަޅު 2 ނުވަތަ 3 ކޮޓަރީގެ ގެއެއް އެޅުމަށް އެކަށީގެންވާ މިންވަރެކެވެ. މާލެ އިން ކޮންޓްރެކްޓަރެއް ގެންގޮސްގެން މަސައްކަތް ކުރުވާނަމަ ފަހަރުގައި މިއަށްވުރެ އަގު ބޮޑު ވެދާނެކަން މިނިސްޓަރ ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި އަދަދު ލޯނުގެ ގޮތުގައި ދޭނަމަ 242 މީހަކަށް ލޯނުދެވޭނެ ކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ލޯނު ސްކީމަށް ކަނޑައަޅައިފައިވާ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކީ ބޭންކު ތަކާއި އަޅާބަލާއިރު ނިސްބަތުން ކުޑަ އަދަދެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލޯނު ސްކީމަށް އެދި ފޯމު ހުށެހެޅުމަށް އެޗްޑީއެފްސީ އިން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މި އަހަރު ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ ކަމަށް ވެސް އެޗްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ. މި ފޯމުތައް ބަލައިގަންނާނީ ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ އިން ގުޅިގެން އެކުލަވާލައިފައިވާ ޖޮއިންޓު ކްރެޑިޓް ކޮމިޓީ އަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button