ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ތަހުގީގު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެއަކު ވިދާޅުވީ ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް އެ ސަރވިސްއިން ހިންގަމުންނުދާ ވާހަކަ މައުލޫމާތަށްޓަކައި ދެންނަވާ ކަމުގައެވެ.
ފުލުހުން މިހެން ބުނެފައިވަނީ ޝަމީމްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ހުށަހަޅާފައިވޭތޯ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ނޫސްވެރިން ސުވާލު ކުރާތާ ބަރާބަރު ދެ ދުވަސްވީ ފަހުންނެވެ.
އެނގިފައިވާގޮތުގައި ޝަމީމް ފުލުހަށް ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ގުޅޭގޮތުން މިމަހުގެ 14 ވަނަ ދިވަހު ފުލުހުންގެ އިސްވެރިންތަކެއްގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
ޕީޖީ ޝަމީމުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަން ނިންމީ އިތުބާރު ހިފޭ މަގާމެއްގައި ހުރެގެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. އެކަމަކު މިއަދު ފުލުހުން މިވަނީ އެ ހުރިހާ ކަމެއް ދޮގުކޮށްފައެވެ.