ރައީސް ޔާމީން އާއި ޔޫސުފް ނައީމާއި މެދު ރިޝްވަތުގެ މުއާމަލާތެއް ނުހިނގާ
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އާއި ދެމެދު ރިޝްވަތުގެ މުއާމަލާތެއް ހިނގާފައި ނުވާކަމަށް ދައުލަތުން ހުށައެޅި ހެކިވެރިޔަކު ބުނެފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާގެ އެންމެފަހު އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ މޯބައިލް ފޯނުގެ ފޮރިންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ނެގުމެވެ.
އެގޮތުން ހެކިބަސް ދެމުން ފުލުހުންގެ ފޮރިންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ޑިޖިޓަލް އެވިޑެންސް އެގްޒެމިނަރަކަށް މަސައްކަތް ކުރައްވާ އަބްދު ޝިފާޒް ވިދާޅުވާ ރައީސް ޔާމީނާއި ޔޫސުޕް ނައީމާމެދު ބަދަލުކޮށްފައިވަނީ އެންމެ މެސެޖެއް ކަމަށާއި، އެ މެސެޖުގައި އިނީ “އެއްކަލަ އެތި ގެންދަންވީ؟” މިފަދައިން ކަމަށެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ އެ މެސެޖުން ރިޝްވަތުގެ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ވަކީލުން ސުވަަލުކުރެއްވުމުންވެސް ދެއްވީ ހަމަ އެއް ޖަވާބެކެވެ.
ރައީސް ޔާމީންގެ މައްޗަށް ވ.އާރަށުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ދައުވާގެ މި އަޑުއެހުމުގައި އިތުރު ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފައެެވެ. އެހެން ނަމަވެސް އަޑުއެހުން ދިގުލައިގެން ދިޔުމާއި ގުޅިގެން ވަނީ އެކަކުގެ ހެކިބަސް ނެގުމަށްފަހު އަޑުއެހުން ނިންމާލާފައެވެ.