ޚަބަރު

ވާރުތަމުދަލަށް ރައްކާތެރިވުމަށް ހުތުބާގައި ގޮވާލައިފި

މީހަކު މަރުވުމުން އޭނާ ދޫކޮށްފައި ދާ ތަރިކަ މުދާ ބެހުމާއި އޭނާ ކޮށްފައިވާ ވަސިއްޔަތް ތަންފީޒު ކުރުމުގައި އެކަން ކުރަން އިސްލާމްދީނުގައިި ކަނޑައަޅާފައިވާ ގޮތަށް ކުރުމަށް ސަމާލުވާން ހުކުރު ހުތުބާގައި މިއަދު ގޮވާލައިފި އެވެ.

މިއަދު ހުކުރު ހުތުބާގެ މައުލޫއަކީ ’ވާރުތަމުދަލަށް ރައްކާތެރިވުން‘ އެވެ. މިއަދުގެ ހުތުބާގައި އަލިއަޅުވާލީ ވާރުތަމުދާ ނުވަތަ ތަރިކަމުދާ ބެހުމާއި މީހުން ކުރާ ވަސިއްޔަތް ތަންފީޒު ކުރުމުގައި ސަމާލުވާން ޖެހޭ ކަންކަމަށެވެ.

ހުތުބާގައި މީހަކު މަރުވުމުން އޭނާ ދޫކޮށްފައި ދާ ތަރިކަ އަކީ އެ ބަހާނެ އުސޫލުތަކާއި ގަވާއިދުތަކެއް، މާތްﷲ ކަނޑައަޅުއްވާފައި ތަކެތި ކަމަށެވެ. ތަރިކަ މުދާ ބަހަންވީ ގޮތުގެ ތަފްސީލު ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ތަރިކަ މުދާ ބެހުމަކީ ފަރުޟެއް ކަމަށާއި އެކަން ކުރުމަށް މާތްﷲ ވަސިއްޔަތް ކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ވަސިއްޔަތަކީ ތަންފީޒު ކުރެވެން ޖެހޭނެ އެއްޗެއް ކަމަށެވެ.

ތަރިކަމުދާ ބެހުމުގައި އިސްލާމްދީނުގައި އަންހެނުންނަށް އަނިޔާވެރިވެފައިވާ ކަމަށް ބުނެ އެހެން ދީންތަކުގެ މީހުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ހުތުބާގައި ފާހަގަކުރި އެވެ. އެއީ ފިރިހެނަކަށް ދެބައި، އަންހެނަކަށް އެއްބައޭ ކިޔާފައި ދައްކާ ވާހަކަތަކެވެ.

މީގެ އިތުރުން، ދިހަވަރަކަށް ހާލަތުގައި ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ތަރިކަމުދަލުން ލިބޭނެ ކަމަށާއި ތިރީހަކަށް ހާލަތުގައި، ފިރިހެނާއާއި އަންހެނާއަށް ލިބޭ މިންވަރު އެއްވަރުވެ، ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެ، ނުވަތަ އަންހެނާއަށް ލިބި، ފިރިހެނާއަށް ނުލިބޭ ހާލަތްތައް ވާކަމަށް ޚުޠުބާގައި ބުންޏެވެ.

ތަރިކަމުދާ ބަހާނީ، މައްޔިތާ ދުނިޔެ ދޫކުރުމުން، އޭނާގެ ކަށުކަމާކެމީގެ ކަންތައް ކޮށް، ދަރަނިތައް އަދާ ކުރުމަށްފަހުގައި ކަމަށް ހުތުބާގައި ބުންޏެވެ.

ތަރިކަމުދާ ބެހުމަކީ އެމީހެއްގެ އިތުރުން އެހެން މީހުންގެ ހައްގުތަކެއް ވެސް އޭގައި ހިމެނޭ ކަމަކަށް ވުމުން، ހުތުބާގައި އިލްތިމާސް ކުރީ އެކަމަށް ފަރުވާކުޑަ ނުކޮށް ސަމާލުވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button