ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި ’ސަރުކާރުން އަންގާ ގޮތަށް‘ އެމްޑީޕީން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ބައިތު ހިފި ޕާޓީގެ މަޖިލިސް މެންބަރުންގެ ލިސްޓަށް ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އަރައިފިއެވެ.
ސަރުކާރަށް ތާއީދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުން، ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުދާ ކަމަށް ބުނެ އެމްޑީޕީ ޕީޖީ ތެރެއިން އޭނާގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުން، މިދިޔަ ހޯމަ ދުވަހު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއާއެކު ހަމަ އެދުވަހު އެމަނިކުފާނު، ޕީޖީ ވަޓްސްއަޕްގައި ލިޔުއްވީ އެކަމާ ދެކޮޅަށް ތެދުވާން ބޭނުންވާ މެންބަރުން ގްރޫޕުގައި ނަން ނޯޓު ކުރުމަށެވެ.
އެއާއެކު އެ ރޭ، ނަޝީދު ހިމެނޭ ގޮތަށް 19 މެންބަރަކު އެ ލިސްޓުގައި ނަން ނޯޓު ކުރިއެވެ. މިހާރު މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެ ލިސްޓުގައި ނަން ނޯޓު ކުރުމުން ވަނީ އެއަދަދު 20 އަށް އަރާފައެވެ.
މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ. ނަމަވެސް 20 މެންބަރަކު ވިޕްލައިނާއި ހިލާފު ވާނެކަން އިއުލާން ކުރުމުން މިހާރު ”ސަރުކާރުން އަންގާ ގޮތަށް“ ވޯޓް ދޭން ތިއްބެވީ 45 މެންބަރުންނެވެ.
ނަޝީދަށް ބައިތު ހިފި މެންބަރުންނާއި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނާއިއެކު ސަރުކާރުގެ ނިންމުންތަކާއި ދެކޮޅު ހަދާނެ މެންބަރުންގެ ޖުމްލަ އަދަދު މިހާރު 29 އަށް އަރައެވެ.
މީގެ ކުރިން ވެސް ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި އެ ޕާޓީގެ ފަސް މެންބަރަކަށް ފިޔަވަޅު އެޅިއެވެ އެގޮތުން މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދީ ސިޓީ ފޮނުވާފައިވާ ފައިވެއެވެ.