ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތުގެ ލައިވް ފީޑު ކަނޑާލަން ސަންގު ޓީވީ އާއި ޗެނަލް 13 އަށް އަންގައިފި

ވ.އާރަށުގެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ޖުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތުގެ ލައިވް ފީޑު ކަނޑާލަން ސަންގު ޓީވީ އާއި ޗެނަލް 13 އަށް ކްރިމިނަލް ކޯޓުން އަންގައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން ސަންގު ޓީވީ އިން ބުނީ ޔާމީންގެ ޝަރީއަތަކީ ލައިވް ކޮށް ކުރިޔަށްދާ ޝަރީއަތެއް ކަމާއި، ކޯޓުގެ ޔޫޓިއުބު ޗެނަލް މެދުވެރިކޮށް އާންމުންނަށް ފެންނާނެހެން އަދި އަޑު އިވޭހެން ޕަބްލިކް ޑޮމެއިންގައި ކުރާ ލައިވެއް ހުއްޓާލަން އެންގީ ކޮން ގާނޫނަކުންތޯ އާއި އެކަމަކުގެ ގާނުނީ ހުއްޖަތް ބަޔާންކޮށްދިނުމަށް ކޯޓުގައި އެދިފައިވާ ކަމުގައެވެ. އޭގެ ޖަވާބުގައި ކޯޓުން ސަންގު ޓީވީއަށް އެންގީ ޔޫޓިއުބު ލައިވް ފަށާއިރު، ޝަރީއަތް ރީބްރޯޑްކާސްޓް ކޮށް ރިކޯޑު ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމުގައެވެ. އެހެން ނަމަވެސް ޔާމީންގެ ޝަރީއަތް ލައިވްކުރާނެ ކަމަށާއި، އެއްވެސް ބަޔަކަށް ރީބްރޯޑްކާސްޓު ނުކުރެވޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުނުވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުން ދިޔަރެސް ނޫހާއި ސަންގުން ލައިވް ކޮށްގެން ސުވާލެއް ނުކޮށް ފިޔަވަޅެއް ނާޅާ އޮތީ ކީއްވެތޯ ސަންގުން ވަނީ ކޯޓާއި ސުވާލެއް ކުރިމަތިކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ކޯޓުން ދީފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ބުނީ މިދިޔަ ހަފްތާގެ އަޑުއެހުން ލައިވް ނުކުރީ ތަކުރާރުކޮށް ގުޅައިގެންވެސް ކޯޓުގެ ހުއްދަ ނުލިބުމުން ކަމުގައެވެ. އެހެން ނަމަވެސް ދެ މީޑިއާއަކުން ލައިވް ކޮށް، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމުން އަދި ކޯޓުންވެސް އެކަމާގުޅިގެން އެއްވެސް ޖަވާބެއް ދީފައިނުވާތީ މިއަދުގެ އަޑުއެހުން ސަންގު ޓީވީ އާއި އެ ޗެނަލުންވެސް ރީބްރޯޑްކާސްޓު ކުރީ ކަމުގައެވެ.

ސަންގު އަދި ޗެނަލް 13 އިން ޝަރީއަތް ލައިވް ކުރާނަމަ ކޯޓުގެ ހުއްދަ ނަގަން ޖެހޭކަމަށް ބުނެ ވަގުތުން ފީޑު ކަނޑާލުމަށް އެންގުމުން ކޯޓުގެ އެންގުމަށް ތަބާވުމުގެ ގޮތުން ލައިވް މެދުކަނޑާލާފައިވާއިރު، އެކަމުގެ ގާނޫނީ ސަބަބު ބުނެދިނުމަށް އެ ދެ މީޑިއާއިން ވަނީ ކޯޓުގައި އެދިފައެވެ.

ޔާމީންގެ ޝަރީއަތް އަމިއްލަ ވަސީލަތްތަކުގައި ލައިވް ކޮށްދެވިދާނެ ކަމަށް އެދި ސަންގާއި 13 އިން ކްރިމިނަލް ކޯޓަށް މީގެ ކުރިން ފޮނުވި ސިޓީގެ ޖަވާބު ދީފައި ނުވާއިރު، ކޯޓުގެ ޔޫޓިއުބު މެދުވެރިކޮށް ކުރާ ލައިވެއް ރީބްރޯޑްކާސްޓު ކޮށްގެން ޝަރީއަތަށް އޮތީ ކޮން ހުރަހެއް ތޯ އާއި އެކަމަކުގެ ސަބަބުން ކޯޓަށް އެއްވެސް ގެއްލުމެއް ލިބިދާނެ ތޯ ވެސް އެ ދެ ސްޓޭޝަނުން ވަނީ ސުވާލުކޮށްފައެވެ. އަދި މިކަމުގައި ކޯޓުގެ ނިޔަތް ރަނގަޅު ނަމަ، އާންމު ރައްޔިތުން ބަރޯސާވާ ޗެނަލްތަކަށް ރީބްރޯޑްކާސްޓު ނުކުރެވޭގޮތް ހަދައި، މަދު ބަޔަކަށް އިންޓަނެޓް ހިދުމަތުގެ ތެރެއިން ބެލޭ ވަސީލަތަކުން އެކަނި ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅެއްގެ ޝަރީއަތް ލައިވް ނުކުރީސް ކަމުގައި ޗެނަލް 13 އިން ބުންޏެވެ.

ކޯޓުގެ އެންގުމަށް ސަންގާއި 13 އިން ލައިވް ކަނޑާލި ނަމަވެސް ލައިވް ކުރަން ހުއްދަ ނުދިނީ ކީއްވެތޯ އާއި އެކަމުގެ ގާނޫނީ ސަބަބު ލިޔުމުން ހޯދަން އެ ދެ ސްޓޭޝަނުން މިހާރު ވަނީ ނިންމާފައެވެ.

މިއަދު ހަވީރުން ފެށިގެން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ އަޑު އެހުމަކީ ވ.އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން މަނީލޯންޑާ ކުރެއްވި ކަމަށާއި ރިޝްވަތު ހިއްޕެވި ކަމަށް ބުނާ މައްސަލައިގެ ހެކި ބަސް ނެގުމުގެ ގޮތުން ކުރިޔަށް ދާ އަޑުއެހުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button