ޚަބަރުސިޔާސީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅޭ: ރައީސް ޔާމީން

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަރުކަޒު ވެގެން ތިބި އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅޭ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

“ވޮއިސް.އެމްވީ” އަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރާއެކު އިންޑިއާއިން ހަދާފައިވާ އަޑި ނޭންގޭ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ ހަތަރު ފަސްދިމާލުގައި ފުދޭވަރެއްގެ އަދަދެއްގެ އިންޑިއާ ސިފައިން އެބަތިބިކަމަށެވެ. އަދި އެސިފައިންގެ އަތުގައި ހަތިޔާރު ހުންނާނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދިވެހި ސިފައިންނަށްވެސް އިންޑިއާ ސިފައިންގެ އަތުގައި ހުރި ހަތިޔާރުގެ ތަފްސީލު އެނގޭނެހެން ހީފުޅުނުވާކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ނޫން ކަމަށާއި، އެނބުރި ދިޔުމަށް އެދުމުން ނުފައިބާ ތިބީ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، އިންޑިއާގެ މައްސަލަ ހައްސާސް މައްސަލައަކަށް މިހާރު ވަނީ އިންޑިއާއިއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމުގެ ބާރު ސަރުކާރަށް ނެތި، އެބާރު އިންޑިއާއަށް އޮތުމުންނެވެ. އަދި އެމަނިކުފާނުގެ ދައުރުގައި އެކަން އެގޮތަށް ނޯންނާނެކަމަށާއި، ހުރިހާ އެއްބަސްވުމެއްވެސް ހާމަކުރުމާއި، ނުކުރުމުގެ ބާރު އޮންނާނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button