މޯލްޑިވްސް ހެލްތު ސާވިސަސް“ އުފައްދަން ރައީސް ނިންމަވައިފި“
”މޯލްޑިވްސް ހެލްތު ސަރވިސަސް“ އުފެއްދެވުމަށް ވަޒީރުންގެ ލަފަޔާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
14 ޖޫން 2022 / އަންގާރަ ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ރައީސް މިގޮތަށް ނިންމަވާފައި މި ވަނީ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މޯލްޑިވްސް ހެލްތު ސަރވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ޞިއްޙީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމުގެ ގޮތުންނެވެ.
”މޯލްޑިވްސް ހެލްތު ސަރވިސަސް“ އުފައްދަވަން ނިންމާފައި ވާއިރު މިއީ މީގެ އަހަރުތަކެއް ކުރިން ކުރިއަށްގެންގޮސް، މިހާރު ހުއްޓާލާފައިވާ މަސައްކަތެވެ. ޑޮކްޓަރުން މަދުވިޔަސް ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ބަލި މީހުންގެ ކަންކަން ބެލެހެއްޓޭނެ ކަމަށް އެއިރު ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެފައެވެ.