އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެންޕެއިނަށް އެހެން ކިޔަނީ، ބޭރުވާންވީ ހަމައެކަނި އިންޑިއާ ސިފައިންނަށް ނުވާތީ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
“މޯލްޑިވްސް ވޮއިސް” އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތަކީ ހަމައެކަނި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އެކަނި ގޮވާލާ ހަރަކާތެއް ނޫން ކަމަށެވެ. އަދި އެހަރަކާތުގައި ގޮވާލަނީ އިންޑިއާއިން ހުރިހާ ގޮތަކުން ދިވެހިރާއްޖެއަށް ފޯރުވަމުންދާ ނުފޫޒު ބޭރުކުރުމަށް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، ހާރިޖީ ސިޔާސަތަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އުފެދުނު އެންމެ ބޮޑު ދެބަސްވުމަކީ އެއީ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ނުފޫޒަކީ އެއްވެސް ގައުމަކަށް ފޯރުވައިގެން ނުވާނެ ނުފޫޒެއް ކަމަށާއި، މިއީ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވިގޮތުގައި އިންޑިއާއިން ގަދަމުން ރާއްޖެއަށް ނުފޫޒުފޯރުވަމުން ދާ ދިޔުމަކީ އެމަނިކުފާނަށް އެއް ގޮތަކަށްވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި، އެއީ އެއްވެސް ގައުމަކުން ޖާގަދީގެން ނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓް ހަރަކާތަށް އިންޑިއާ މިލިޓަރީ އައުޓްގެ ބަދަލުގައި އިންޑިއާ އައުޓް ކިޔަނީ މި ސަބަބުތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.