
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ތުހުމަތު ކުރެވޭ ޖިންސި ގޯނާގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމުގައި މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އަށް މައުލޫމާތު ދިން ފަރާތުން ބުނީ އިއްޔެ އެ މައްސަލަ ހޫނުވެ ކުޑަ ކުއްޖާގެ ބަޔާން ފުލުހުން ނަގާފައިވާ ކަމުގައެވެ.
އެނގިފައިވާގޮތުގައި ޝަމީމް ފުލުހަށް ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ގުޅޭގޮތުން ރޭ ފުލުހުންގެ އިސްވެރިންތަކެއްގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
ޕީޖީ ޝަމީމުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަން ނިންމާފައިވަނީ އިތުބާރު ހިފޭ މަގާމެއްގައި ހުރެގެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެކެވެ. އެކަމަކު އޭނާ ފުލުހަށް ހާޒިރުކޮށް، ސުވާލު ކޮށް ބަޔާނެއް ނެގި ކަމެއް އަދި ނޭނގެއެވެ.
މިކަމާ ގުޅިގެން ތަކުރާރުކޮށް އެކި ނޫސްވެރިން އަންނަނީ ފުލުހުންގެ މީޑިއާ ގްރޫޕުގައި ސުވާލު ކުރަމުންނެވެ، އެހެން ނަމަވެސް ފުލުހުން ބުނީ އެ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމުގައެވެ. އޭގެ ފަހުން މިހާރު 5 ގަޑިއިރު ވެފައިވާއިރުވެސް ފުލުހުންގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.