ޚަބަރުސިޔާސީ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާ!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ޚަރަދުތައް ހަމަނުޖެހިގެން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސްކަމަށް ރޭ އިންތިޚާބުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

މިއަހަރުގެ ބާކީ އޮތް ބައަށް ހުށަހަޅާފައިވާ ބަޖެޓަކީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އެ ބަޖެޓުގެ ތެރެއިން 300 މިލިއަނެއްހައި ރުފިޔާއަކީ ދައުލަތަށް ލިބޭ އާމްދަނީން ހޯދާނެ ފައިސާ ކަމަށެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްތަކުގެ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށެވެ. އެކަންކަން ކުރުމުގެ އިތުރުން، ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާތީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށެވެ.

ނަމަވެސް އަމީރު ވިދާޅުވީ ރާއްޖޭގެ ކެރިފޯރުންތެރިކަން ހުރި ވަރަށް ބަލާއިރު ބޭނުންވާ މިންވަރަށް އެފަދަ މަޝްރޫއުތައް ހިންގުން ދަތި ކަމަށެވެ. އެކަމަށް އޮތް ހައްލަކީ، އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ތަރުތީބުކޮށް، އިސްކަންދޭނެ ކަންކަން ނިންމުމަށް ހުރިހާ ޕާޓީތަކަކުން އެއްބަސްވާ ގައުމީ ތަރައްގީގެ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓަކަށްވާއިރު އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button