ތަކެތީގެ އަގު ތިރިކުރަން ގޮވާލާ ހުޝައެޅި މައްސަލަވެސް ބޭރުކޮށްލައިފި

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ، އަގު ތިރިކިރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލްވެސް ބޭރުކޮށްލައިފިއެވެ.
މި ބިލު ބަލައިގަތުމާއިމެދު ވޯޓު ނެގުމަށް މަޖްލީހުގެ ތަޅުމަށް ހުށައެޅުމުން، މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 9 މެންބަރުންނެވެ. އަދި ބަލައިގަތުމަށް ނުފެންނަކަމަށް 29 މެންބަރުން ވޯޓު ދެއްވިއެވެ.
މި މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ޒަރޫރީ މުދަލުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން އަތް ނުފޯރާ ހިސާބަށް ގޮސްފައިވާ ކަމަށާއި، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުވެސް އިންތިހާއަށް ބޮޑުވެފައުވާ ކަމަށެވެ.
އެގޮތުން ދަޅުމަހާއި، އެތެރޭގައި ދޭ އުދުހުންތަކުގެ ހިދުމަތާއި، އިމާރާތް ކުރުމަށް ބޭނުންކުރާ ސިމެންތި އާއި ދަގަނޑުގެ އިތުރުން ކާބޯތަކެތީގެ އަގުތައް ވެސް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅުން މަޖްލީހަށް ހުށައަޅާ ކޮންމެ ބިލެއްހެން މަޖްލީހުގެ މެންބަރުން ދަނީ ބޭރުކޮށްލަމުންނެވެ. އަދި މީގެން ކުރިން ބޭރުކޮށްލާ ބިލާއި އެއްފަދަ ބިލު އަލުން އެމްޑިޕީގެ މެންބަރުން ހުށައަޅައި، މަޖްލީހުން ބެލުމަށް ފާސްކޮށްފައިވެސް ވެއެވެ.